ކުޅިވަރު

ބަހްރެއިން ގްރޯން ޕްރީގެ ޕްރެކްޓިސް ސެޝަންތަކުގައި ވަރސްޓަޕެން ކުރި ހޯދައިފި


ފޯމިއުލަރ ވަން ކާރު ރޭސް ސީޒަންގެ ފުރަތަމަ ރޭސް ކަމަށްވާ ބަހްރެއިން ގްރޯން ޕްރީ ފެށުމުގެ ގޮތުން އިއްޔެ ބޭއްވި ޕްރެކްޓިސް ސެޝަންތަކުގައި ރެޑްބުލް ޓީމްގެ މެކްސް ވަރސްޓަޕެން ކުރިހޯދައިފިއެވެ. މިގޮތުން ބޭއްވި ދެ ސެޝަންގައިވެސް ވަރސްޓަޕެން ވަނީ ކުރި ހޯދާފައެވެ.

ފުރަތަމަ ސެޝަންގައި ވަރސްޓަޕެން އެއްވަނަ ހޯދިއިރު ދެވަނައަށް ދިޔައީ މަރސިޑީޒްގެ ވެލްޓެރީ ބޮޓާސްއެވެ. އަދި ތިންވަނައަށް ދިޔައީ މެކްލެރެން ޓީމްގެ ލާންޑޯ ނޮރިސްއެވެ. ނަމަވެސް މެންދުރުފަހު ބޭއްވި ދެވަނަ ޕްރެކްޓިސް ސެޝަންގައި ވަރސްޓަޕެން އެއްވަނަ ހޯދިއިރު ދެވަނައަށް ދިޔައީ ނޮރިސްވެ. އަދި ތިންވަނައަސް ދިޔައީ ދުނިޔޭގެ ޗެމްޕިއަން މަރސިޑީޒްގެ ލުވިސް ހެމިލްޓަންއެވެ. ހަތަރުވަނަ އަށް ދިޔައީ ފެރާރީގެ ކާލޯސް ސައިންޒްއެވެ. އަދި ފަސްވަނައަށް ދިޔައީ ބޮޓާސްއެވެ. ދެވަނަ ސެޝަން ދިޔައީ ހީކުރިވަރަށް ވުރެ ވަރަށް ގާތްގާތުގައެވެ. މިގޮތުން އެއްވަނައަށް ދިޔަ ވަރސްޓަޕެން އާއި 15 ވަނައަށް ދިޔަ އަލްޕައިން ޓީމްގެ ފެނާންޑޯ އަލޮންސޯ އާއި ދެމެދުގައި ސިކުންތެއްގެ ފަރަގުވެސް ނެތްކަމަށް ވެއެވެ. ފެރާރީއަށް އަލަށް ގުޅުނު ސައިންޒް އިއްޔެގެ ސެޝަންގައި ރަނގަޅަށް ދުއްވާފައިވާއިރު އެޓީމްގެ އަނެއް ޑްރައިވަރު ޗާލްސް ލެލަރކް ދިޔައީ ބާރަވަނައަށެވެ. އަލްފާ ޓައުރީ ޓީމްގެ ޔޫކީ ޓުސުނޯޑާވެސްވަނީ ރަނގަޅު ޕްރެކްޓިސް ސެޝަންއެއް ނިންމާފައެވެ. އޭނާ ދިޔައީ ސެޝަންގެ ހަތްވަނައަށެވެ.

ރެޑްބުލްގެ ކާރުގެ ދުވެލި ބާރުކަމުން މިސީޒަންގައި މަރސިޑީޒްއަށް ރެޑްބުލްއިން އުނދަގޫތަކެއް ކުމަތި ކުރުވާނެކަމަށް މިހާރުވެސް ވަނީ ބެލެވިފައެވެ. ސެޝަންތަކަށްފަހު ވާހަކަ ދައްކަމުން ރެޑްބުލްގެ ޑްރައިވަރ ވަރސްޓަޕެން ބުނީ ހުރިހާ ކަމެއްވެސް ފެންނަނީ ރަނގަޅު ކޮށް ކަމަށާއި ހޫނުގެ ސަބަބުން މުޅި ލެޕްގަ އެއްވަރެއްގައި ހިފަހައްޓާލަން އުނދަގޫވީނަމަވެސް މިއީ ރަނގަޅު ދުވަހެއް ކަމަށެވެ. ދެން އޮތީ ކޮލިފައިންގައި މިކާރަށް ރަނގަޅު ހިސާބެއްގައި އޮވެ ނިންމާލުން ކަމަށްވެސް އޭނާ ހާމަކުރިއެވެ.
ބަހްރެއިން ގްރޯން ޕްރީގައި މިއަދު މެންދުރު ކުރީގައި ދާނީ ތިންވަނަ ޕްރެކްޓިސް ސެޝަންއެވެ. އަދި މެންދުރުފަހު ކޮލިފިކޭޝަން އޮންނާނެއެވެ. އަދި ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.