އިންގްލަންޑާއި އިންޑިއާގެ މެދުގައި ކުޅުނު އެއްދުވަހުގެ ދެވަނަ ކްރިކެޓް މެޗް އިންގްލަންޑް ކާމިޔާބުކޮށް ސީރީޒް ހަމަހަމަކޮށްފިއެވެ. މިމެޗް އިންގްލަންޑް ކާމިޔާބުކުރީ 6 ވިކެޓުންނެވެ.
ބަލާހިތްވާ މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެންމެ ފުރަތަމަ ކުޅެން އަރާ އިންޑިއާއިން 50 އޯވަރުތެރޭގައި 6 ކުޅުންތެރިން ނުބައިވެގެން ހެދުނީ 337 ލަނޑެވެ. މިމެޗްގައި އިންޑިއާއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 108 ލަނޑު ހަދާ ސެންޗަރީއެއް ހެދި ކޭ.އެލް. ރާހުލްއެވެ. އަދި ރިޝަބް ޕަންޓްވަނީ 77 ލަނޑު ހަދާފައެވެ. މި އިނިންގްސްގައި އިންގްލަންޑަށް އެންމެ ރަނގަޅަށް އުކީ 50 ލަނޑަށް 2 ވިކެޓް ނެގި ރީސް ޓޮޕްލޭއެވެ. ޖަވާބުގައި ކުޅެން އަރާ އިންގްލަންޑުން 43 އޯވަރު ތިން ބޯޅައަށް 4 ކުޅުންތެރިން ނުބައިވެގެން 337 ލަނޑު ހަދާ މިމެޗް ކާމިޔާބުކުރިއެވެ. މިމެޗްގައި އިންގްލަންޑް ޓީމަށް އެންމެ މޮޅު ކުޅުމެއް ދެއްކީ އިންޑިއާގެ މިދަތުރުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖޮނީ ބެއަރސްޓޯއެވެ. އޭނާ ވަނީ މިމެޗްގައި 124 ލަނޑު ހަފާ ސެންޗަރީއެއް ހަދާފައެވެ. އަދި ބެން ސްޓޯކްވަނީ 99 ލަނޑު ހަދާފައެވެ. އޭނާ ވަނީ މިމެޗްގައި 10 ބޯޅަ ހަޔަކަށް ޖަހާފައެވެ.
މިކާމިޔާބީއާއެކު އިންޑިއާ އާއި އިންގްލްންޑްގެ މެދުގައި ކުޅެމުންދާ އެއްދުވަހުގެ ސީރީޒްމިވަނީ އެކެއް އެކަކުން އެއްވަރު ވެފައެވެ. މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކުރީ އިންޑިއާއެވެ. މެޗަށްފަހު ވާހަކަ ދައްކަމުން އިންގްލަންޑްގެ ކެޕްޓަން ޖޮސް ބަޓްލަރ ހާމަކުރިގޮތުގައި މިމެޗްގައި އޭނާގެ ޓީމްގެ ފަރާތުން ފެނިގެންދިޔައީ ވަރަށް މޮޅު ކުޅުމެއް ކަމަށެވެ. މިމެޗްގައި އޭނާގެ އުކުންތެރިންވެސްވަނީ ބެޓްމަނުންނާއި އެއް ހަމައެއްގައި ސާބިތުކޮށް އިންޑިއާގެ ލަނޑުގެ އަދަދު އެއްވަރެއްގައި ހިފެހެއްޓުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. އަދި މިމެޗްގައި އިންގްލަންޑްގެ ބެޓިންގ ޕާރޓްނަރޝިޕް ވަރަށް ރަނގަޅަށް މަސައްކަތް ކުރިކަމަށްވެސް ބަޓްލަރ ބުންޏެވެ.
އިންޑިއާގެ ކެޕްޓަން ވިރާޓް ކޯލީ ބުނީ މިމެޗްގައި އޭނާގެ ޓީމުން ރަނގަޅު ލަނޑުގެ އަދަދެއް ހެދި ކަމަށެވެ. ނަމަވެސް މިމެޗްގައި ތަފާތަކަށްވީ އިންގްލަންޑްގެ ބެޓިންގ އިންތިހާއަށް ރަނގަޅުވުން ކަމުގައި އޭނާ ފާހަގަކުރިއެވެ. އަދި މިމެޗްގައި ފެނިގެން އެދިޔައީ ބަޔަކަށް ފެންނާނެ އެންމެ ފުރިހަމަ އެއް ބެޓިންގ ކަމަށްވެސް އޭނާ ހާމަކުރިއެވެ. މިދެޓީމްގެ މެދުގައި ކުޅޭ އެންމެ ފަހު މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ އާދިއްތަ ދުވަހުއެވެ. އެމެޗުން މޮޅުވާ ޤައުމަކަށް އެއްދުވަހުގެ މިސީރީޒް ކާމިޔާބުވާނެއެވެ. އިންޑިއާއިން މީގެކުރިންވަނީ ޓީޓުވެންޓީ ސީރިޒް ކާމިޔާބުކޮށްފައެވެ.