ވިޔަފާރި

5300 އަށްވުރެ ގިނަ ފަތުރުވެރިންނާއެކު ފަތުރުވެރިކަމުގެ އައު ރެކޯޑެއް


ކޯވިޑް19 އަށްފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލީ މިދިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. ބޯޑަރު ހުޅުވާލީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކުގައެވެ. އެއިރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 100 ފަތުރުވެރިންވެސް ރާއްޖެއަށް ނާދެއެވެ. ނަމަވެސް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާއި އިދާރާތައް ގުޅިގެން ކުރި މަސައްކަތުން މިހާރު ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު ބޯޑަރު ހުޅުވާލި ދުވަސްވަރާއި އަޅާބަލާއިރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މިއަހަރު މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އިއްޔެކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ. އިއްޔެ ރާއްޖެއަށް 5375 ފަތުރުވެރިން ވަނީ އައިސްފައެވެ. މީގެކުރިން އެންމެ ގިނަ ފަތުރުވެރިން މިއަހަރު ރާއްޖެ އައިސްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެ އައިސްފައިވަނީ 5100 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ މިކަމާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ކަމާއި ގުޅުންހުރި އިދާރާތަކުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި މަރުޙަބާ އާއި ޝުކުރު އަދާކޮށްފައެވެ. އަދި ރާއްޖެއަންނަ ފަތުރުވެރިން މި ދަނޑިވަޅުގައިވެސް ރާއްޖެއަށް އިތުބާރުކޮށް ރާއްޖެ އަންނަމުންދާތީ އެ ފަތުރުވެރިންނަށްވެސް ވަނީ ޝުކުރު އަދާކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 272000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ. މީގެތެރެއިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އަވަށްޓެރި އިންޑިއާއިންނެވެ. ރާއްޖެއައި ފަތުރުވެރިންގެ %23.5 އަކީ އިންޑިއާ ފަތުރުވެރިންނެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިއާއިންނެވެ. އަދި 3 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ ޔޫކްރެއިނުންނެވެ.

ފަތުރުވެރިންނަށް ޙިދުމަތްދިނުމަށް މިހާތަނަށް ރާއްޖޭގައި 692 ތަނެއް ވަނީ އަލުން އޮޕަރޭޝަނަށް ގެނެސްފައެވެ. މީގެތެރޭގައި ހިމެނެނީ 150 ރިސޯޓް، 394 ގެސްޓްހައުސް، 137 ސަފާރީ އަދި 11 ހޮޓެލްއެވެ.