ޚަބަރު

ކެޔޮދޫގައި އަލަށް އިމާރާތްކުރި މިސްކިތް މިއަދު ހުޅުވައިފި


ވ.ކެޔޮދޫގައި އަލަށް އިމާރާތްކުރި މިސްކިތް މިއަދު ހުޅުވައިފިއެވެ. މިސްކިތް ހުޅުވާފައިވަނީ މިއަދުގެ ހުކުރު ނަމާދަށެވެ. އެގޮތުން މިސްކިތް ހުޅުއްވައިދެއްވީ  ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒިޔާދާއި، ރާއްޖޭގައި ހުންނަވާ ކުވައިތުގެ އެމްބެސެޑަރ މިސްޓަރ ޚަލަފް ބުން ދުހައިރެވެ. މީގެ އިތުރުންވެސް ދެގައުމުގެ އިސްލާމިކް މިނިސްޓްރީގެ އިސް އޮފިޝަލުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.މިސްކިތް ހުޅުވުމަށްފަހު އިމާމުވެ މިއަދުގެ ހުކުރު ނަމާދު ކުރައްވާފައިވަނީ މަސްޖިދުލް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމްގެ އިމާމު މުހައްމަދު ލަތީފެވެ. ކުވައިތުގެ ދެ ވިޔަފާރި ވެރިޔަކާއި،  ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމުގައިވާ އެލިޔާ ކޮންސްޓްރަކްޝަނުން ފަންޑުކޮށްގެން ހުޅުވި މި މިސްކިތަކީ އެއްފަހަރާ ހަ ސަތޭކަ މީހުންނަށް ނަމާދުކުރެވޭ ވަރުގެ ޖާގައިގެ މިސްކިތެއް ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ. ވ. އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށުގައި އަލަށް އިމާރާތްކުރި މިސްކިތަށް ފަންޑު ކޮށްދެއްވާފައިވާ ކުވައިތުގެ ދެ ވިޔަފާރިވެރިންނަކީ ޝެއިޚް އީސާ ބުން އީސާއާއި، މިސްޓަރ މުހައްމަދު އަލް މުޒައިނީ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއްވައެވެ. މީގެ ތެރެއިން މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި އީސާ ބުން އީސާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.