ޚަބަރު

ކޯވިޑް-19 : ކުޅުދުއްފުށި ސިޓީން މިހާތަނަށް ނެގި ހުރިހާ ސާމްޕަލްއެއް ނެގެޓިވް


ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް ބަލިމީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން މިހާތަނަށް ނެގި ހުރިހާ ސާމްޕަލެއް ނެގެޓިވް ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހާމަކޮށްފިއެވެ. މިސާމްޕަލްތައް ނެގެޓިވްވި ނަމަވެސް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުންވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

ކުޅުކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވަނިކޮށް ކޯވިޑަށް ޕޮޒިޓިވްވީ ނައިފަރު ހޮސްޕިޓަލުން އިތުރު ފަރުވާއަށް ކުޅުދުއްފުއްޓަށް ފޮނުވި މީހެއްގެ އިތުރުން އޭނާގެ ދެ އެހީތެރިންނެވެ. މިމީހުންގެ އިތުރުންވެސް ކުޅުދުއްފުއްޓަށް އިތުރު ފަރުވާއަށް ނައިފަރުން ގެންދިޔަ އިތުރު މީހެއްގެ އެހީތެރިއަކުވެސްވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިމީހަކީ ފެލިވަރުގައި މަސައްކަތްކުރާ މީހެއް ކަމަށާއި އެމީހުން ކުޅުދުއްފުއްޓަށް ދިޔައީ މިމަހު 21 ވަނަ ދުވަހު ކަމަށް މަޢުލޫމާތުލިބިފައިވެއެވެ.

މި ކޭސްތަކާ ގުޅިގެން ރޭންޑަމް ސާމްޕަލް ހިމެނޭހެން 200 އަށްވުރެ ގިނަ ސާމްޕަލް ނަގާފައިވާއިރު މިހާތަނަށް ނެގި ހުރިހާ ސާމްޕަލެއްވެސްވަނީ ނެގެޓިވްވެފައެވެ.

މިބަލި ހަށިގަނޑުގައި އަށަގަންނަ ވަގުތުގެ ކުރީކޮޅު ނަގާ ސާމްޕަލްގެ ނަތީޖާ ނެގެޓިވްވެދާނެ ކަމަށާއި، ނަމަވެސް ފަހުން ނަގާ ސާމްޕަލްއެއް ޕޮޒިޓިވްވުން އެކަށީގެންވާތީ ރައްޔިތުން މިކަމަށް ސަމާލުވެ ރައްކާތެރިވުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުންވަނީ އެދިފައެވެ. އަދި މޮނިޓަރިންގެ ހާލަތުން ވީއްލޭނެ ވަކި ތާރީޚެއް ހާމަކުރަން ނޭނގޭ ކަމަށާއި މޮނިޓަރިންގެ ހާލަތުގައި އޮންނަ ވަގުތުގައި ރައްޔިތުންގެ އާންމު ދިރިއުޅުމަށް ވީހާ ވެސް ދަތި ނުވާނޭހެން އިންތިޒާމްތައް ރޭވުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ހޮސްޕިޓަލުން ބުނެފައިވެއެވެ.