ޓެކްނޮލޮޖީ

އެން.ސީ.އައި.ޓީއަށް 18 އަހަރު : ދައުލަތް ހިންގުން ޒަމާނީކުރުމަށް މުހިއްމު މުއައްސަސާއެއް


އިންފޮމޭޝަން ޓެކްނޮލޮޖީގެ އެހީގައި ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް އުފެއްދެވި ނޭޝަނަލް ސެންޓަރ ފޮރ އިންފޯރމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ) އަށް 18 އަހަރު ފުރުން ކުލަގަދަ ގޮތެއްގައި އެ އިދާރާއިން ފާހަގަކޮށްފިއެވެ.

އެކަމަށްޓަކާ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ވެރިންނާއި މުވައްޒަފުންވެސް ބައިވެރިވެ ވަޑައިގަތެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ އަލީ ޞާލިހް ދެއްކެވި ވާހަކައިގައި 18 އަހަރާއެކު އެން.ސީ.އައި.ޓީ މުޅިން އާ ހަރުފަތަކަށް މިސްރާބުޖަހާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ކޯވިޑް-19އިގެ ހާލަތުގައި ކިޔެވުމާއި މަސައްކަތުގެ މާހައުލުގައި އިންފޮމޭޝަން އަދި ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ މުހިންމުކަން ބަލައިގަނެވުނުއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި ސަރުކާރުގެ މުހިންމު ވައުދުތަކެއް ހާސިލްކުރުމަށް އެން.ސީ.އައި.ޓީގެ ދައުރު މުހިންމުކަން ފާހަގަކުރެއްވިއެވެ.

ޚާއްސަކޮށް 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން އެން.ސީ.އައި.ޓީއިން ތައްޔާރުކުރި ކިޔުގައި ނުޖެހި ފްލެޓަށް އެޕްލައިކުރެވޭ ސިސްޓަމްގެ އަޕްގްރޭޑް މަސައްކަތް 2 އަހަރުފަހުން އަނެއްކާވެސް އެން.ސީ.އައި.ޓީއާއި ހަވާލުކުރެވުނުކަމީ ސަރުކާރުން އެން.ސީ.އައި.ޓީއަށް ކުރާ އިތުބާރު ދައްކުވައިދޭ ކަމެއްކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް އިދާރާއަށް ބޭނުންވާ ފަންނީ މުވައްޒަފުން ހޯދުމަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އަލީ ސާލިހް ވިދާޅުވިއެވެ. މިކަމުގައި އެ މިނިސްޓްރީ ހިންގެވުމާއި މިހާރު ހަވާލުވެވަޑައިގެން ހުންނެވި ވަޒީރު އަލްއުސްތާޛް ފައްޔާޟް އިސްމާއިލް ދެއްވާ އެއްބާރުލުން ފާހަގަކުރައްވާ އެމަނިކުފާނަށާއި، އެން.ސީ.އައި.ޓީގެ މުވައްޒަފުންނަށްވެސް ސްޓޭޓް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ޝާތިރު ވަނީ އެން.ސީ.އައި.ޓީ އުފެދިގެން އައިގޮތާއި އިދާރާގެ 18 އަހަރުގެ ކާމިޔާބީތައް ހިއްސާކުރަށްވާފައެވެ.

25 މާރޗް 2003 ގައި އުފެދުނު ނޭޝަނަލް ސެންޓަރ ފޮރ އިންޕޮމޭޝަން ޓެކްނޮލޮޖީއަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މުޅި ދައުލަތުގެ ހިންގުން ހަރުދަނާކުރުމަށާއި، އިންޕޮމޭޝަން ޓެކްނޮލޮޖީގެ ރޮނގުން ދިވެހި ގައުމު ކުރިއެރުމަށްޓަކައި ސަރުކާރުން އުފެއްދެވި ގައުމީ މަރުކަޒެކެވެ. ފާއިތުވި 18 އަހަރުގެ ތެރޭގައި އެން.ސީ.އައި.ޓީން ވަނީ ދައުލަތް ހިންގުން ޒަމާނީ ކުރުމަށް މުހިންމު ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އީ-ގަވަރމަންޓުގެ ދާއިރާއިންނާއި ދައުލަތުގެ އޮފީސްތަކުން އޮންލައިންކޮށް ދެވޭ ޚިދުމަތްތައް ފުޅާކުރުމުގައި އެ މުއައްސަސާގެ ދައުރު ބޮޑެވެ.

މީގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ސަރުކާރުގެ އީ-ލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް)އެވެ. ޖެމްސްގެ ސަަބަބުން ފާއިތުވެދިޔަ 12 ވަރަކަށް އަހަރު ދައުލަތުގެ އިދާރީ އެންމެހައި ސިޓީ ބިޓީތަކާއި ލިޔެކިޔުންތައް އިލެކްޓްރޯނިކް ނިޒާމުން މިވަނީ ފޮނުވި އަދި ރައްކާތެރި ކުރެވިފައެވެ. މި ނިޒާމާއެކު އޮފީސްތަކުން ޕިޔޯނުން ސިޓީ ހިފައިގެން ދިޔަދިޔުން ވަނީ ނިމުމަކަށް އައިސްފައެވެ.