ވިޔަފާރި

މަސްވެރިކަމާއި ގުޅުންހުރި އިތުރު ވިޔަފާރިތައް ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރަނީ


މަހަށް ވެލިއު އެޑްކުރުމުގެ އިތުރު ވިޔަފާރިތައް ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖްލީހުގެ އިޤްތިސާދީ ކޮމެޓީގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރ ޒަހާ ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް ރާއްޖޭގައި ފުޅާކޮށް ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ޅ މިނިސްޓަރ ވަނީ މިހާރު ކުރިއަށްގެންދިޔުމަށް ރޭވިފައިވާ މަޝްޢޫރުތަކުގެ މަޢުލޫމާތުތައް ހިއްސާކޮށްފައެވެ. އެގޮތުން ގދ. ތިނަދޫގައި ޤާއިމްކުރާ މަސް ގަންނަ ފެސިލިޓީ ކުރިމަގުގައި އިތުރަށް ތަރައްޤީކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް ޒަހާ ވަޙީދު ވިދާޅުވިއެވެ.

"މިވަގުތަށް ފައިސާހުރީ ހަމައެކަނި މަސް ގަނެވޭނެ ފެސިލިޓީއެެއް ހެދުމަށް، އެކަމަކު އަޅުގަނޑުމެންގެ ވިސްނުން އެޔަށްވުރެ ދުރަށްދޭ، މަސް ވެލިއު އެޑްކޮށްގެން ކުރެވޭނެ ގޮތްތަށް ހޯދަމުން މިދަނީ، ތަފާތު ފަރާތްތަކާއި އެކީ މަޝްވަރާ އެބަކުރަން، ދަޅު މަސް އަދި ޕައުޖް ނޫން އެހެން ސިނާއަތަށް ގެންނަން މި މަސައްކަތްކުރަނީ،" މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

މިނިސްޓަރ ޒަހާ ވިދާޅުވީ މިފަދަ ވިޔަފާރިތަކާއެކު ވަޒީފާގެ ގިނަ ފުރުސަތުތަކެއް އުފެދިގެންދާނެ ކަމަށެވެ. އަދި މިފަދަ ތަންތަން ރައްޔިތުންނާއި ގާތުން ޤައިމްވެގެން ދިޔުންވެސް މުޙިއްމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އެހާ އެންކަރޭޖްއެއް ނުކުރަން ވަކި ވަކި ރަށްރަށުގައި ގޮސްގެން ފެސިލިޓީތައް ޤާއިމްކުރުމަކަށް، އޭރުން އަނެއްކާވެސް މީހުން ބޭނުންވޭ، ތިނަދޫގަ އެހެން ވީމާ މި ވިސްނަނީ އިތުރު ޑިވެލޮޕްމަންޓްސް ގެންނަން،" މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

ސަރުކާރުން ވަނީ މ.މުލަކާއި ގދ.ތިނަދޫގައި މަސްވެރިންގެ އަތުން މަސްގަނެ ރައްކާކުރާނެ ފެސިލިޓީތައް ޤާއިމްކުުރުމަށް ނިންމާފައެވެ. މިއީ ދިވެހި މަސްވެރިންނަށް މަސް ކިރުމުގައި ހުރި ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.