ސިޔާސީ

ސަރުކާރަކީ ޤާބިލު ވަޒީރުންނާއެކު ކުރިއަށްދާ ސަރުކާރެއް - މައުރޫފު


ޤައުމަށް ދިމާވި ނުރައްކާތެރި ވަގުތުގައި ޤައުމު ސަލާމަތްކުރަން އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރާތަން ނުފެންނާތީ ހިތާމަކުރާކަމަށާއި، މިއަދު އެމްޑީޕީ ސިފަކުރާނީ ގައުމުގެ މަސްލަހަތު އިސްނުކުރާ ބައެއްގެ ގޮތުގައިކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ނާއިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ. ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަލީ މައުރޫފް ވިދާޅުވީ، އެމްޑީޕީގެ ޒިންމާދާރު އަދި ޤާނޫނީ ހުވާ ކުރައްވައިގެން ތިއްބެވި މެމްބަރުން، ނާއިބު ރައީސްކަމުން އަހުމަދު އަދީބު ވަކިރުމަށް ވޯޓު ނުދެއްވާނެކަމަށް ހީނުކުރައްވާކަމަށެވެ. އަޙުމަދު އަދީބު ނާއިބު ރައީސް ކަމުގެ މަގާމުން ވަކިކުރުމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި އެމްޑީޕީން ބައިވެރިވެފައި ނުވި ނަމަވެސް އެމްޑީޕީގެ ކޮމަންޑޫ ދާއިރާގެ މެމްބަރު އަހްމަދު ނާޝިދު ވަނީ އަދީބު މަގާމުން ދުރުކުރުމަށް ވޯޓު ދީފައެވެ.މައުރޫފް ވިދާޅުވީ، މިއީ ޤައުމީ މަސްލަހަތު އިސްކޮށް ނާޝިދު ދެއްވި ވޯޓެއްކަމަށާއި، މިކަމުން އެނގެނީ އެމްޑީޕީގެ ތެރޭގައިވެސް މިކަމަށް ތާއީދު ކުރެއްވި ބޭފުޅުން ތިއްބެވިކަންކަމަށެވެ. އަދީބު މަގާމުން ދުރުނުކުރަންވީ އެއްވެސް ހުއްޖަތެއް ހެއްކެއް ގާނޫނީ ގޮތުން އިދިކޮޅު ފަރާތްތަކަށް ނުދެއްކޭކަމަށް މައުރޫފު ވިދާޅުވިއެވެ. ޒިންމާދާރު ބައެގެ ގޮތުގައި އެމްޑީޕީ ނުފެންނަކަމަށާއި، ހަމައެކަނި ކުރާކަމަކީ މަގުމައްޗަށް ނިކުމެ ހަޅޭލެވުންކަމަށް ވިދާޅުވިއެވެ. ޤާނޫނުގައި ކަނޑައެޅިގެން ހުންނަ ކަންކަމަށްވެސް އެޕާޓީން ވޯޓު ނުދޭކަމަށާއި، ކޮންމެ ޕާޓީއެއްނަމަވެސް ވަޒީރުންނަށް ރުހުން ހޯދުމަށް ރައީސް ފޮނުއްވާ ނަންފުޅު ތަކަށް ވޯޓު ދޭންޖެހޭނެކަމަށް އަލީ މައުރޫފު ވިދާޅުވިއެވެ. އެއީ ގައުމީ ކަމެއްކަމަށާއި، އެމްޑީޕީ ވަނީ އިދިކޮޅު ވެގެންގޮސް އިދިކީލި ވެފައިކަމަށް މައުރޫފް ވިދާޅުވިއެވެ. އެހެންކަމުން ކިތަންމެ ރަނގަޅު ކަމެއްވެސް އިދިކޮޅު ފަރާތްތަކަށް ނުފެންނަކަމަށް އޭނާ ވިދާޅުވިއެވެ.ސަރުކާރަކީ ވަރަށް ފުރިހަމަ ކެބިނެޓެއް އަދި ގާބިލް ވަޒީރުންނާއެކު ކުރިއަށްދާ ސަރުކާރެއްކަމަށާއި، އަޙުމަދު އަދީބު ވިޔަސް އަދި އެހެން ބޭފުޅަކު ނެތަސް އެއްވެސް އަސަރެއް ސަރުކަރަށް ނުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. ގައުމަށް ގައްދާރު ވެއްޖެ ކޮންމެ މީހަކުވެސް ގާނުނޫގެ ކުރިމައްޗަށް ގެނައުމަށް ރައީސް އަބްދުﷲ ޔާމީން ފަހަތަށް ޖެހިވަޑައިނުގަންނަވާނެކަމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް ވިދާޅުވިއެވެ.