ވިޔަފާރި

ދަތުރުފަތުރު ހަމައަކަށް ނޭޅޭތީ ޕޯސްޓް މެދުވެރިކޮށް ތަކެތި ގެންނަން ދަތިތަކެއް!


ކޯވިޑާއި ގުޅިގެން ދަތުރު ފަތުރުކުރުމަށް އައިސްފައިވާ މަޑުޖެހުމާއި ގުޅިގެން މިދުވަސްވަރު، އިރުމަތީ އޭޝިޔާގެ ގައުމުތަކުން ރާއްޖެއަށް ޕޯސްޓް މެދުވެރިކޮށް ތަކެތި ގެނައުމުގައި ދަތިތަކެއް އުޅޭކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޑެޓުން ހާމަކޮށްފިއެވެ.

ޕޯސްޓް އޮފީހުން ބުނީ ޕޯސްޓުން ތަކެތި ގެނައުމުގައި ދަތިތަކެއް ދިމާވެގެން އުޅޭ މައިގަނޑު ސަބަބަކީ އިރުމަތީ އޭޝިޔާ ގައުމުތަކުގައި ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދީފައި ނުވުމެވެ. އަދި ސިންގަޕޯރ އެއަރލައިންފަދަ މުހިންމު އެއަރލައިންތައް އޮޕަރޭޓްކުރަން ފަށާފައިނުވުމަކީވެސް މިމައްސަލަ ދިމާވާ ސަބަބެއްކަމަށް ޕޯސްޓުން ބުނެއެވެ. ވައިގެ ދަތުރުފަތުރަށް ބުރޫ އެރުމާއި ގުޅިގެން އިރުމަތީ އޭޝިޔާގެ ބައެއް ގައުމުތަކުން ކަންޑުމަގުންވެސް ތަކެތި ފޮނުވާކަން ފާހަގަކުރެވިފައިވާކަމަށް ޕޯސްޓް އޮފީހުން ބުނެއެވެ.

އިރުމަތީ އޭޝިޔާގެ ޤައުމުތަކުން ޕޯސްޓް މެދުވެރިކޮށް ތަކެތި ގެނައުމުގައި ދަތިތަކެއް ހުރި ނަމަވެސް، ހުޅަނގުގެ ގައުމުތަކުން މިފަދަ މައްސަލަތައް ދިމާވުން މަދުކަން ޕޯސްޓް އޮފީހުން ފާހަގަކުރެއެވެ.

ދިވެހިންގެ މެދުގައި މަޤްބޫލްކަން ހޯދާފައިވާ އަލީ އެކްސްޕްރެސްއިން އޯޑަރ ކުރާ ތަކެތި ނުލިބި ގިނަ ދުވަސްތަކެއް ނަގާތީ އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ފާޅުކުރަމުންނެވެ.

މިކަމާއި ގުޅޭގޮތުން ޕީއެސްއެމްއިން ޕޯސްޓް އޮފީހާއި ސުވާލު ކުރުމުން އެފަރާތުން ބުނީ ކޯވިޑްގެ މި ދުވަސްވަރު ބައިނަލްއަޤްވާމީ ޕޯސްޓްގެ ވިއުގައިގައި ހިމެނޭ ހުރިހާ ގައުމަތަކުގެ ޕޯސްޓް އޮފީސްތައްވެސް މަސައްކަތްކުރަމުންދަނީ އެކި ލެވެލްގެ ރެސްޓްރިކްޝަންތަކާއެކުކަމަށެވެ. އަދި ޕޯސްޓު އޮފީސްތަކަށް ތަކެތި ލިބިފައި ހުރިކަމުގައިވިޔަސް އެތަކެތި ފޮނުވޭނެ ގޮތެއް ނެތުމުގެ ސަބަބުން ދުނިޔޭގެ ވަރަށް ގިނަ ޕޯސްޓު އޮފީސްތަކުގައި ތަކެތި ތާށިވެފައި އެބަހުރިކަމަށް ޕޯސްޓް އޮފީހުން ބުނެއެވެ.

ކޯވިޑްގެ މި ހާލަތުގައި ދުނިޔޭގެ އެއަރލައިން ނެޓްވާރކް ހުއްޓިފައި އޮތުމަކީ ޕޯސްޓުގެ އިތުރުން، އެހެން ވިޔަފާރިތަކަށްވެސް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ.

ޕޯސްޓް އޮފީހުން ބުނީ ރާއްޖޭގެ ޕޯސްޓަށްވެސް ރާއްޖެއިން ބޭރުން މަދުމަދުން ނަމަވެސް ތަކެތި ލިބެމުންދާ ކަމަށެވެ. އެގޮތުން ކުރިން ވައިގެ މަގުން އަންނަމުން ދިޔަ މޭލްތައް މިހާރު އާއްމުކޮށް ލިބެނީ ކަނޑުމަގުން ކަމަށާއި ރާއްޖެއަށްވެސް ކަނޑުމަގުން ގިނަ އަދަކަކަށް ދޭތެރެ ދޭތެރެއިން މޭލް ލިބެމުންދާކަން ފާހަގަކުރެވޭ ކަމަށް ޕޯސްޓް އޮފީހުން ބުނެއެވެ.

ޕޯސްޓް އޮފީހުން ބުނީ ރާއްޖެއިން ބޭރުން އޮންލައިންކޮށް ގެންނަ ތަކެއްޗަކީ އޮންލައިން ޕްލެޓްފޯރމްތަކުން އެ ގައުމެއްގެ ޕޯސްޓް އޮފީސްތަކާ ހަވާލުކޮށްގެން ޑެސްޓިނޭޝަން ގައުމުތަކުގެ ޕޯސްޓް އޮފީސްތަކަށް ފޮނުވާ ތަކެތިކަމަށެވެ. އަދި އެތަކެތި ޑެސްޓިނޭޝަން ގައުމަށް ލިބެންދެން އެތަކެތީގެ ހުރިހާ މޫވްމަންޓްސް އެނގޭނީ އެތަކެތި ޕޯސްޓުކުރި ގައުމެއްގެ ޕޯސްޓް އޮފީހަށް ކަމަށާއި އެފަދަ ތަކެއްޗަށް ވީގޮތެއް ބެލޭނެ ގޮތެއް ނޯންނަކަމަށްވެސް ޕޯސްޓް އޮފީހުން ބުނެއެވެ.

ޕޯސްޓް އޮފީހުން ބުނީ ޕޯސްޓް ލިބެންޖެހޭ ޤައުމަށް ޕޯސްޓް ލިބިފައިވާކަމަށް ބުނެ ވަރަށް ގިނަ ފަހަރު އޮންލައިން ޕްލެޓްފޯރމްތަކުން މައުލޫމާތު އާންމުކުރާކަމަށެވެ. އަދި މިއީ އެފަދަ ޕްލެޓްފޯރމްތަކުގެ ވިޔަފާރި ޕްރޮމޯޓު ކުރުމުގެ އުކުޅެއްގެ ގޮތުގައި ކުރަމުންދާ ކަމެއްކަމަށް ޕޯސްޓް އޮފީހުން ހާމަކުރެއެވެ. މިގޮތަށް ހެދުމުން ބައެއް ފަހަރު ކަސްޓަމަރުންނަށް އޮޅުންއަރައި، ޝަކުވާތައް ލިބޭކަން ޕޯސްޓް އޮފީހުން ފާހަގަކުރެއެެވެ.

ޕޯސްޓު

ޖެނުއަރީގަ އޯޑަރ ކުރި އެއްޗެހި އަދިވެސް ނުލިބޭ..