ޚަބަރު

ކޯވިޑް-19 ދިފާޢު: އަތޮޅުތަކުން ވެކްސިން ޖެހި އަދަދު 100،000އިން މައްޗަށް


އިތުރު 2،444މީހުން ކޯވިޑް-19އިން ދިފަޢުވުމަށް ޖަހާ ވެކްސިން ޖަހައިފިއެވެ. އަލަށް ވެކްސިން ޖެހި މީހުންނާއެކު އަތޮޅުތަކުން ވެކްސިން ޖެހި މީހުންގެ އަދަދުވަނީ 100،000އިން މައްޗަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ވޭތިވެދިޔަ 24ގަޑިއިރު މާލެ ސަރަޙައްދުން ވެކްސިން ޖަހާފައިވަނީ 1،392 މީހުންނެވެ. އަދި އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ވެކްސިން ސެންޓަރުތަކުގައި 1،052 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

މިއާއެކު ރާއްޖެއިން މިހާތަނަށް 227،423 މީހުން މިވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައެވެ. އެއީ މާލެ ސަރަޙައްދުން ވެކްސިން ޖަހާފައިވާ 127،277މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 100،146 މީހުންނެވެ.

ރާއްޖޭގައި މިވަގުތު ދެމުންދަނީ ކޮވިޝީލްޑާއި ސައިނޯފާމް ވެކްސިނެވެ. އަތޮޅުތަކުގައި އެކި ޢުމުރުފުރާތަކަށް ބަހާލައިގެން ވެންސިން ޖަހަމުންއަންނައިރު، މާލެ ސަރަޙައްދުގައިދަނީ ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ އެންމެނަށް ވެކްސިން ދެމުންނެވެ.

މާލެއާއި ވިލިމާލެއާއި ހުޅުމާލެ ހިމެނޭހެން ގްރޭޓަރ މާލޭ ސަރަޙައްދުގައި 8 ސެންޓަރާއި، 2 މޯބައިލް ވެކްސިނޭޝަން ޓީމުން ވެކްސިން ޖަހަމުންދެއެވެ. އަދި އަތޮޅުތަކުގައި 169ސެންޓަރުގައި ވެކްސިން ދިނުން ކުރިއަށްދެއެވެ.

މާލެ ސަރަޙައްދުގައި ވެކްސިން ޖެހުން ކުރިއަށްދާ ސަރަހައްދުތަކުގެ ތެރޭގައި ސޯޝަލް ސެންޓަރ، އިސްލާމީ މަރުކަޒު، ވިލިމާލެ ޒުވާނުންގެ މަރުކަޒު، ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރ، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ގާއިމްކޮށްފައިވާ ސެންޓަރ، ޓްރީޓޮޕް ހޮސްޕިޓަލު ހިމެނެއެވެ. ވެކްސިން ދިނުން ކުރިއަށްދާ ވަގުތަކީ ހެންދުނު 10:00އިން މެންދުރުފަހު 15:00އަށެވެ. ނަމަވެސް ޓްރީޓޮޕާ ހުޅުމާލޭ ހޮސްޕިޓަލްގައި ވެކްސިން ދޭނީ ހެނދުނު 10:00އިން މެންދުރު 12:00އަށެވެ.

ރާއްޖޭގައި ޢާއްމުކޮށް ހުޅުވާލައިގެން ކޯވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒްޖެހުން ކުރިއަށްގެންދާއިރު، މިދުވަސްވަރު ޚާއްސަ ޙާލަތްތަކާ ގުޅިގެން ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެޗްޕީއޭއިން ވިދާޅުވީ ޚާއްސަ ޙާލަތުގެ ގޮތުގައި ބަލަނީ، ޚާއްސަ ޙާލަތަކާ ގުޅިގެން ރާއްޖެއިން ބޭރަށް ދަތުރުކޮށް، އަދި ފުރަތަމަ ޑޯޒް ޖެހިތާ 12 ހަފްތާ ވާންވާއިރަށް އެނބުރި ނާދެވޭ މީހުންކަމަށެވެ.