ޚަބަރު

ކޯވިޑް-19 : އިތުރު 162 މީހުން ޕޮޒިޓިވް، އަތޮޅުތަކުން 45


ރާއްޖެއިން އިތުރު 162 މީހަކު ޕޮޒިޓިވްވެ، ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 23،000އިން މައްޗަށް އަރައިފިއެވެ. އަތޮޅުތަކުން 45މީހުންވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

ހެލްތު ޕްރޮޓަކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ފާއިތުވި 24 ގަޑިއިރުގެ ތަފާސްހިސާބުތައް ދައްކާގޮތުން އަތޮޅުތަކުން ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ މައްޗަށް ގޮސްފައެވެ.

ބުދަ ދުވަހު އިރުއޮއްސި 06:00އިން ފެށިގެން ބުރާސްފަތިދުވަހު އިރުއޮއްސި 06:00އާ ހަމައަށް ރާއްޖެއިން އިތުރު 162މީހަކު ޕޮޒިޓިވްވެފައިވެއެވެ. އޭގެ ތެރޭގައި މާލޭ ސަރަޙައްދުން 99މީހުން ޕޮޒިޓިވްވެފައިވެއެވެ. ފަހަކަށް އައިސް އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދުވަނީ މައްޗަށްދާން ފަށާފައެވެ. އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި މީހުން ދިރިއުޅޭ ރަށްރަށުން 45، ރިސޯޓްތަކުން 15މީހުން، ސަފާރީތަކުން 2މީހުން އަދި ސިނާއީ މަސައްކަތްކުރާ ރަށަކުން އެކަކުވަނީ ޕޮޒިޓިވްވެފައެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 23،091އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 90 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 20،439 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2579 މީހުންނެވެ. އަދި 103 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 އަށް ޓެސްޓްކުރުމަށްޓަކައި 4،318 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި މިބަލި ދެނެގަތުމަށް ޖުމްލަ 627،306 ސާމްޕަލްވަނީ ނަގާފައެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 66 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 58 ދިވެހިންނާއި 8 ބިދޭސީންނެވެ.