ދީން

ދީނުގެ ހިޔަލުގައި ތިބެ، ޤައުމު އިޞްލާޙުކުރުމަށް ގޮވާލައިފި


ޤައުމު އިޞްލާޙުވުން އޮތީ ނަފްސުތައް އިޞްލާޙުވެގެންކަމަށާއި، އިސްލާމް ދީނުގެ ހިޔަލުގައި ތިބެގެން ޤައުމު އިޞްލާޙުކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައްވައިފިއެވެ. އިސްލާމީ މަރުކަޒުގައި މިއަދު ކުރެއްވި ހުކުރު ޚުތުބާގައި ވަނީ މުޖުތަމައުން ފާޅުވަމުން މިދާ ކަންކަމާއި ފެންނަމުން މިދާ މަންޒަރުތަކަކީ ދީނާއި އެދީނުގެ ރީތި އަޚްލާޤާއި، އާދަ ކާދަތަކާ ކިހާ އެއްގޮތް ކަމެއް ނުވަތަ އިދިކޮޅުކަމެެއް ހުރި މަންޒަރުތަކެއްތޯ ބަލާނުލައި ތިބެން ހެޔޮވެދާނެކަމާމެދު ސުވާލު އުފައްދާފައެވެ. ޤައުުގައި ހިނގާ އެކި ބާވަތް ބާވަތުގެ  ނޭއްގާނީ ކަންކަމާއި، މީސްތަކުންގެ ހައްޤުތަކަށް އަރައިގަތުމާއި، ދައުލަތަށް ގެއްލުންދޭ ބަޔަކު ގެއްލުންދީ އުޅެނީ ކީއްވެތޯ ބަލައިނުލައި ތިބެން ހެޔޮނުވާނެކަމަށް ޚުތުބާގައި ވިދާޅުވެފައިވެެއެވެ. ރާއްޖޭގެ ރައްޔިތުންގެ ހިތްތައް ހިދާޔަތުގެ ނޫރުން މާތް ﷲ އަލިކޮށް ދެއްވީއްސުރެން މިތިބީ، އެކަލާނގެ ރަހްމަތްފުޅާއެކު އިސްލާމްދީނުގެ މަތީގައި ކަމަށާއި، އޭރުއްސުރެ ދިވެހި ގައުމުގެ ފަރުދުން ޙިއްސާކުރަމުން މިދަނީ އެއްދީނެއްކަމަށް ވިދާޅުވިއެވެ. އެހެންކަމުން މި މާތްދީނުގެ ހިޔަލުގައި ތިބެގެން ޤައުމު އިސްލާހު ކުރުމާއި މެދު ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުރިކަމަށް ހުތުބާގައި ވިދާޅުވެފައިވެއެވެ. އެއްވެސް މުޖުތަމަޢެއް އަދި އެއްވެސް ރަށެއް އޭގެ ޒާތުގައި ގޯސްވެގެން ނުދާނެކަމަށާއި، ގޮސްވާނީ އެގައުމަކަށް ނިސްބަތްވާ ނުވަތަ އެރަށެއްގައި އުޅޭ އިންސާނުން ކޮށްއުޅޭ ވިޔާނުދާ އެންމެހާ ކަންތައްތަކުންކަމަށް ހުުކުރު ޚުތުބާގައި ވިދާޅުވިއެވެ.  އެކަންތައްތަކުގެ ނަތީޖާއިން ކުރާއަސަރަކުން ހިތްގައިމުކަން ނުވަތަ ހިތްދަތިކަން އެންމެންނަށް އިޙުސާސް ކުރަންޖެހޭ ގޮތްވާކަމަށްވެސް ވިދާޅުވިއެވެ.