ޚަބަރު

އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހުރިހާ ގްރޭޑްތަކުގެ ދަރިވަރުންނަށް ސްކޫލުތައް ހުޅުވަނީ


އަންނަ ބުރާސްފަތި ދުވަހުންފެށިގެން ހުރިހައި ގްރޭޑްތަކެއްގެ ދަރިވަރުންނަށް ސްކޫލަށް ހާޒިވެގެން ކިޔެވުމުގެ ފުރުސަތު ހުޅުވާލަން އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ.

އެމިނިސްޓްރީން މިގޮތަށް ނިންމަވާފައިވަނީ ކޯވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ލުއި ދެއްވުމާ ގުޅިގެންނެވެ.

އެޑިއުކެޝަން މިނިސްޓްރީން ގެންނެވި މި ބަދަލާއެކު އަންނަ ބުރާސްފަތި ދުވަހުން ފެށިގެން، މާލޭ ސަރަޙައްދުގެ ސްކޫލްތަކުގެ އެލް.ކޭ.ޖީން ފެށިގެން މަތީ ގްރޭޑްތަކުގެ ކިޔެވުން ކުރިއަށް ގެންދާނީ ދަރުވަރުން ސްކޫލަށް ހާޒިރުވެގެންނެވެ.

2020ވަނަ އަހަރުގެ ދިރާސީ އައު އަހަރުގެ 2ވަނަ ޓާމުގެ ކިޔެވުން، ޖެނުއަރީމަހުގެ 10ވަނަ ދުވަހު ފެށީ، ހުރިހާ ގްރޭޑްތަކުގެ ދަރިވަރުން ސްކޫލަށް ހާޒިރުވެގެން ކިޔަވައިދިނުން ކުރިއަށްގެންދާ ގޮތަށެވެ. މިގޮތަށް ފިޔަވަޅުތަށް ލުއިކޮށް ކުދިން ސްކޫލަށް ޙާޒިރުކުރަންފެށީ، ކޯވިޑް-19ގެ ކޭސްތައް އޭރު ވަރަށްބޮޑަށް މަދުވުމާ ގުޅިގެންނެވެ. ކޭސްތަކުގެ ޢަދަދު އޭރު 10އިން ދަށަށްދިޔައެވެ.

ނަމަވެސް ކޯވިޑް-19ގެ 3ވަނަ ރާޅާ ކުރިމަތިވެ، އަނެއްކާވެސް މާލޭގައި ކޯވިޑް-19ގެ ކޭސްތަށް ވަރަށްބޮޑަށް އިތުރުވެ ފިޔަވަޅުތަށް ވަރުގަދަކުރިއެވެ. އެއާއެކު ފެބްރުއަރީމަހުގެ 14ވަނަ ދުވަހުން ފެށިގެންވަނީ މާލެ ސަރަޙައްދުގެ ގްރޭޑް 6އިން ދަށުގެ ކުދިން، ސްކޫލަށް ހާޒިރުކޮށްގެން ކިޔެވުން ބަންދުކޮށްފައެވެ. މި މުއްދަތުގައި މިގްރޭޑްތަކުގެ ކިޔެވުން ކުރިއަށްގެންދިޔައީ އޮންލައިންކޮށެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާރު މިވަނީ އެލް.ކޭ.ޖީއިން ފެށިގެން ހުރިހާ ގްރޭޑްތަކެއްގެ ކިޔެވުން، ދަރިވަރުން ސްކޫލަށް ނެރެގެން ކުރިއަށް ގެންދާގޮތަށް ގޮތަށް ނިންމާފައެވެ. ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ސްކޫލްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަށްވަނީ ވަރުދަގަކޮށްފައެވެ. އެގޮތުން ގައިދިރުކަން އިތުރުކުރުމާއި އެންމެން މާސްކު އެޅުމާއި ސްކޫލަށް ކުދިން އަންނައިރު ހުން ބެލުމާއި ފަސޭހައިން އަތްދޮވެ ސާފުތާހިރުވެވޭނެ އިންތިޒާމު ސްކޫލްތަކުގައި ހެދުން ހިމެނެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ސްކޫލް މާޙައުލުން ފެނުނު ކޭސްތަށް މަދެވެ. އަދި ކޭސްތަށް ފެނުނުނަމަވެސް، އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގެ ސަބަބުން ކަރަންޓީން ކުރަންޖެހޭ މީހުންމަދެވެ.