ޚަބަރު

ޕްރިމިއަރ ލީގުގެ ކުޅުން މާދަމާ ފަށަނީ


މެދު ކަނޑާލާފައިވާ ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން މާދަމާ ފަށަން ހަމަޖެހިއްޖެއެވެ.

މާލޭގައި ކޯވިޑްގެ ކޭސްތައް އިތުރުވުމާއި ގުޅިގެން އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެކަނި ކުރެވޭ ކަސްރަތު ނޫން އެހެން ހުރިހާ ކުޅިވަރެއްވަނީ ހުއްޓާލާފައެވެ. އެގޮތުން އެކުވެނި ދުވާ ޓްރެކްވެސްވަނީ ބަންދުކޮށްފައެވެ. މިދިޔަ މަހުގެ ތިންވަނަ ދުވަހު ލީގުގެ މެދުކަނޑާލިއިރު ފުރަތަމަ ބުރުގެ ކުޅުން ނިމި، ދެވަނަ ބުރުގެ ފަސް މެޗެއްވަނީ ކުޅެފައެވެ. ލީގުގެ ކުޅުން މާދަމާ ފަށާނެކަމުގެ އިޝާރާތެއް މިހާރު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްވަނީ ދެއްވާފައެވެ. ބައްސާމް ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ޕްރިމިއަރ ލީގުގެ ކުޅުން މާދަމާ ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. ބައްސާމުގެ ޓުވިޓުގައިވަނީ ހެލްތު މިނިސްޓަރ އަހުމަދު ނަސީމް އާއި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފްއަށް ޝުކުރު އަދާކޮށްފައެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގްގެ ކުޅުން ފެށުމާއެކު ކުލަބްތަކުގެ ކަންބޮޑުވުންތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެކަމަށްވަނީ ބެލެވިފައެވެ. ފާއިތުވެގެންދިޔަ ހަފްތާގައި ކުލަބްތަކުގެ އިސްފަރާތްތަކާއި ކުޅުންތެރިންވަނީ ލީގް ނުފެށި ލަސްވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މާދަމާ ލީގް ފަށާއިރު އެންމެ ފުރަތަމަ ކުޅުމަށް ހަމަޖެހިފައިވަނީ ސުޕަރ ޔުނައިޓެޑް ސްޕޯޓްސް އާއި ކުލަބް އީގަލްސް ވާދަކުރާ މެޗެވެ. ލީގްގެ ކުޅެން ފަށާނެކަމުގެ ފެހި ސިގްނަލް ލިބުމާއެކު އެންމެ ބޮޑަށް މިކަމުގެ ސަބަބުން ފައިދާކުރާނީ މިއަންނަ މަހުގެ 7ވަނަ ދުވަހު އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ކުލަބް އީގަލްސް އާއި ބޫޓާންގެ ޗެންޕިއަން ތިންޕޫ ސިޓީ ވާދަކުރާ މެޗަށް ތައްޔާރުވަމުންދާ ކުލަބް އީގަލްސް އާއި އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖްގެ މެޗްތަކަށް ތައްޔާރުވަމުންދާ މާޒިޔާއަށެވެ.

އޭ.އެފް.ސީ ކަޕަށް ކޮލިފައިވުމަށް ކްލަބް އީގަލްސާއި ބޫޓާންގެ ތިމްޕޫ ސިޓީ އެފް.ސީ އާއެކު، 7 އޭޕްރީލްގައި ކުޅުމަށް ހަމަޖެހިފައިވާ މެޗު ކުޅުމުގެ ހުއްދަ އެޗްޕީއޭއިން މިއަދުވަނީ ދީފައެވެ. ނަމަވެސް މެޗު ކުޅުމުގެ ހުއްދަ ދީފައިވަނީ، ކޯވިޑް 19 ފެތުރެމުންދާ ދުވަސްކޮޅަކަށް ވުމާއެކު ޚާއްސަ ރައްކާތެރިކަމެއްގެ ގޮތުން، މެޗު ބެލުމަށް އާންމު ރައްޔިތުންނަށް ދަނޑަށް ނުވަދެވޭގޮތަށާއި، ރާއްޖެއިން ބޭރުން އަންނަ ކުޅުންތެރިންނާއި އޮފިޝަލުން، ރާއްޖެއަށް އައުމުގެ ކުރިން، ރާއްޖޭގައި މިހާރު ކަނޑައެޅިފައިވާ ފިޔަވަޅުތަކާއި، އުޞޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ފަހުގައެވެ. މެޗް ކުރިޔަށް ދާއިރު އަމަލު ކުރާނެ އުޞޫލެއް ކަނޑައަޅައި، އެކަން އެޗްޕީއޭއަށް އަންގައި، އެޗްޕީއޭގެ އެޕްރޫވަލް ހޯދުމަށް ވެސް ވަނީ އަންގާފައެވެ. އަދި ވަރޗުއަލްކޮށް ފިޔަވައި، އެނޫންގޮތަކަށް މި މެޗާއި ގުޅިގެން އެއްވެސް ރަސްމިއްޔާތެއް ނުބޭއްވުމަށް ވެސް ވަނީ އެޗްޕީއޭއިން އެދިފައެވެ.