ޚަބަރު

ހއ ދިއްދޫ އަމާންވެށިން އިތުރު 6 މީހަކު ޕޮޒިޓިވްވެ، ޕޮޒިޓިވްވިމީހުންގެ ޢަދަދު 22އަށް


ހއ ދިއްދޫގައި ގާއިމް ކޮށްފައިވާ އަމާންވެށިން އިތުރު 6 މީހަކު ޕޮޒިޓިވްވެ، އެތަނުން ޕޮޒިޓިވްވި މީހުންގެ އަދަދު 22އަށް އަރައިފިއެވެ.

ހއ އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު އުޘްމާން އަޝްރަފް ވިދާޅުވީ، އަމާންވެށިން 12 ކުއްޖަކާއި އެތަނުގައި ކެއަރޓޭކަރުންގެ ގޮތުގައި މަސައްކަތްކުރާ 10 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. ދިއްދޫ އަމާންވެށީގައި ޕޮޒިޓިވްނުވެ، ތިބީ 3 ކުދިން ކަމަށާއި އެކުދިން ތިބީ އެ ތަނުގައި ތިބި އެހެން ކުދީންނާއި ވަކި ކުރެވިފަ ކަމަށްވެސް އަޝްރަފް ވިދާޅުވިއެވެ.

ދިއްދޫ އަމާންވެށިން ކޯވިޑަށް ޕޮޒިޓިވްވި ކުދިންގެ ތެރޭގައި ދެ އަހަރުގެ ތުއްތު ކުއްޖެއްވެސް ހިމެނެއެވެ. މިތަނުގައި ކުދިން ބަލަހައްޓަން ތިބި ދެ މީހަކުވަނީ މިމަހުގެ 22 ވަނަ ދުވަހު ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރަށް ބަދަލުކޮށްފައެވެ.

އަމާންވެއްޓަށް ގެންދިޔަ 15 ކުދިން ތެރެއިން ފުރަތަމަ ކުއްޖާ ޕޮޒިޓިވްވިކަން އެނގުނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އަމާންވެށިން ކޯވިޑް ކޭސްއެއް ފެނުމާ ގުޅިގެން 25 ސާމްޕަލެއް ނަގާފައިވާ ކަމަށް އެއަތޮޅު ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ދިއްދޫގައި ގާއިމުކުރި ''ހއ. އަމާންވެށި'' ރަސްމީކޮށް ހުޅުވީ މިމަހުގެ 6 ވަނަ ދުވަހުއެވެ. ހއ. އަތޮޅުގައި ހުޅުވި އަމާންވެއްޓަށް ތިން ޢާއިލާއަކަށް ނިސްބަތްވާ 15 ކުއްޖަކުވަނީ ބަދަލުކޮށްފައެވެ.