ޚަބަރު

ސަންގު ޓީވީ ބަލާފާސްކުރުމަށްފަހު، ބައެއް ތަކެތި ގެންގޮސްފި


ކޯޓު އަމުރެއްގެ ދަށުން ފުލުހުން ސަންގު ޓީވީ ބަލާފާސްކޮށް، އެތަނުގެ ކޮމްޕިއުޓަރުތަކުގެ ހާޑް ޑިސްކުތަކާއި އެތަނުގެ ސީސީޓީވީ ފުޓޭޖް ގެންގޮސްފިއެވެ. ރޭ ދަންވަރު އެއްގަޑި ދިހައެހާކަންހާއިރު ފުލުހުން ޖަނަވަރީމަގުގައި ހުންނަ ސަންގު ޓީވީގެ އިމާރާތަށް ވަދެފައިވަނީ، ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ އިސްވެރިންނަށް މަރުގެ އިންޒާރުދޭ ވީޑިއޯއެއް ޔޫޓިއުބަށް އަޕްލޯޑްކުރިކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިގެން ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެންކަމަށް، ކޯޓު އަމުރެއްގައިވެއެވެ.ބަލާފާސްކުރުމަށްފަހު ރޭ ފަތިހު ފަހެއްޖަހަން ކައިރިވެފައިވަނިކޮށް ފުލުހުން އެތަނުން ނިކުމެގެންގޮސްފައިވަނީ ތަހްޤީޤަށް ބޭނުންވާ ގިނަ އަދަދެއްގެ ތަކެތި ހިފައިގެނެވެ.އޭގެ ތެރޭގައި ސަންގުޓީވީގައި ބޭނުންކުރާ 27 ކޮމްޕިއުޓަރު ސިސްޓަމެއްގެ ހާޑާއި، އެތަނުގެ ސީސީޓީވީ ފުޓޭޖާއި އަދި ދެ ސީޕީޔޫ ހިމެނޭކަމަށް ސަންގުޓީވީ މައުލޫމާތުދެއެވެ. ސަންގުޓީވީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ވަހީދު ވިދާޅުވީ ޤާނޫނާއިި ހިލާފް އެއްވެސް ކަމެއް އެސްޓޭޝަނުން ނުކުރާކަމަށެވެ.މިމައްސަލައާއި ބެހޭ ގޮތުން ފުލުހުން ރަސްމީކޮށް މިހާތަނަށް އެއްވެސް އެއްޗެއް އަދި ނުބުނެއެވެ.