ޚަބަރު

ކޯވިޑް-19 : ކޭއާރުއެޗުގައި އޮތް ބަލިމީހަކު ޕޮޒިޓިވްވެ ކުޅުދުއްފުށި މޮނިޓަރިންގއަށް


ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އެޑްމިންޓްކޮށްފައި އޮތް ބަލި މީހަކާއި އޭނާގެ އެހީތެރިޔާ ކޯވިޑް-19އަށް ޕޮޒިޓިވެ ކުޅުދުއްފުށި ސިޓީ މޮނިޓަރިންއަށް ލައިފިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވަނީ މިމަހުގެ 22ވަނަ ދުވަހު ޅ.ނައިފަރުން އެހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަންއައި ނައިފަރު މީހަކާއި އޭނާގެ އެހީތެރިޔާކަމަށެވެ. މި ބަލިމީހާ އެޑްމިޓްކޮށްފައި ފައިވަނީ ސާޖިކަލް ކޭސްއަކާ ގުޅިގެންކަމަށްވެސް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

މިދެމީހުން ކޯވިޑް-19އަށް ޓެސްޓްކުރީ އެމީހުން ކުޅުދުއްފުއްޓަށް އައުމުގެ ކުރިން ބަލިމީހާ ޅ.ނައިފަރު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތްއިރު އެހޮސްޕިޓަލުގައި އޭނާ ޖެހިގެން ހުރި އެނދުގައި އޮތް ބަލިމީހާ ކޯވިޑް-19އަށް ޕޮޒިޓިވް ވުމާގުޅިގެންނެވެ.

މިހާރު ކުޅުދުއްފުށީގައި ކޮންޓެކްޓް ރޭސިންގެ މަސައްކަތް ކުރަމުންދާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ބޮޑު ތިލަދުންމަތީގެ ރަށްރަށުގެ މީހުންގެ އިތުރުން އެހެން އަތޮޅުތަކުންވެސް ގިނަބަޔަކު ޚިދުމަތް ހޯދަމުންއަންނަ ހޮސްޕިޓަލެކެވެ.