ވިޔަފާރި

ސާޓޭ ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ


ދެކުނު އޭޝިއާ ސަރަޙައްދުގައި ފަތުރުވެރިކަމުގެ ދާއިރާގައި ބާއްވާ އެންމެ ބޮޑު އެއް ފެއަރ ކަމަށްވާ ސައުތު އޭޝިއާ ޓްރެވެލް އެންޑް ޓޫރިޒަމް އެކްސްޗޭންޖް، ސާޓޭ ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ކުރިއަށްދާ މި ފެއަރގައި ރާއްޖޭގެ ފަރާތުން ބައިވެރިވެފައިވާ ވަފްދުގައި އެންމެ އިސްކޮށް ތިއްބެވީ، ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މަޢުސޫމާއި މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދެވެ.

މިއަހަރުގެ ސާޓޭ ފެއަރގައި އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ 13 ކުންފުންޏަކުން، 22 ފަރާތެއް ވަނީ ބައިވެރިވެފައެވެ. އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިއްމު ޤައުމެކެވެ. ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ އިންޑިއާއިންނެވެ.

ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް އިޝްތިހާރުކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުކުރުމަށް އެމްއެމްޕީއާރުސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖެ އިޝްތިހާރުކުރުމަށް ރާއްޖެއިން ބޭރުގައި ބާއްވާ 44 ފެއަރއަކާއި ރޯޑްޝޯއެއްގައި މިއަހަރު ބައިވެރިވާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އެމްއެމްޕީއާރުސީން މިއަހަރު ބައިވެރިވުމަށް ނިންމާފައިވާ ދުނިޔޭގެ ބޮޑެތި އެހެން ފެއަރތަކުގެ ތެރޭގައި، ސްޕެއިންގައި ކުރިއަށްދާ ފިތޫރު ފެއަރއާއި، ޑަބްލިއުޓީއެމް ލަންޑަންއާއި، އައިޓީބީ އޭޝިއާ، އާއި އައިޓީބީ ޗައިނާ ހިމެނެއެވެ.