ކުޅިވަރު

އިންގްލަންޑް ޓީމް ކުޅޭތަން ބަލަން ވަރަށް އުނދަގޫވި: ސްޓޯންސް


އިންގްލަންޑް ފުޓްބޯޅަ ޓީމް ކުޅޭތަން ޓީވީއިން ބަލަން ވަރަށް އުނދަގޫވިކަމަށް މެންޗެސްޓަރ ސިޓީގެ ޑިފެންޑަރ ޖޯން ސްޓޯންސް ހާމަކޮށްފިއެވެ. ސްޓޯންސް މިކަން ހާމަކޮށްފައިމިވަނީ ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ފުރަތަމަ ފަހަރަށް އިންގްލަންޑް ޓީމުގައި އޭނާ ހިމެނުމާއި ގުޅިގެން ވާހަކަ ދައްކަމުންނެވެ.

2018 ވަނަ އަހަރުގެ ވާރލްޑް ކަޕްގެ ސެމީފައިނަލްގައި ވާދަކުރި އިންގްލަންޑް ޓީމުގައި ހިމެނުނު ސްޓޯންސް 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހަށްފަހު އިންގްލަންޑް ޓީމަށް ކުޅެފައެއް ނުވެއެވެ. ނަމަވެސް މިސީޒަންގައި ސިޓީގައި އޭނާ ދައްކަމުންދާ މޮޅު ކުޅުމުގެ ސަބަބުން އޭނާވަނީ 2022 ވަނަ އަހަރުގެ ވާރލްޑް ކަޕަށް ކޮލިފައިވުމަށް ސެން މަރީނޯ އާއި ޕޯލަންޑާއި ދެކޮޅަށް އިންގްލަންޑް ކުޅޭ ދެމެޗަށް ނެގި ޓީމްގައި ހިމަނާފައެވެ. ސްޓޯންސް ހާމަކުރިގޮތުގައި ގެއިން މެޗްތަށް ބަލަން ވަރަށް އުނދަގޫވިކަމަށެވެ. އޭނާ އަބަދުވެސް ބޭނުންވަނީ އިންގްލަންޑް ޓީމް ކުޅޭއިރު ދަނޑު މަތީގަ އެޓީމަށް އެހީތެރިވެދޭން ކަމަށާއި ނަމަވެސް ގޭގައި މެޗްބަލަން އިންނައިރު ޓީމަށް އެހީތެރިނުވެވޭތީ ވަރަށް ބޮޑަށް އެކަން އިހްސާސް ކުރެވުނު ކަމަށްވެސް ސްޓޯންސް ހާމަކުރިއެެވެ.

އިންގްލަންޑް ޓީމަށް މިފަހަރު ނެގިކަމުގެ މެސެޖް ފޯނަށް ލިބެންދެން ހުރީ ވަރަށް ހާސްވެފައިކަމަށާއި ނަމަވެސް އެމެސެޖް ލިބުމުން ވަރަށް ބޮޑު އުފަލެއް ލިބިގެންދިޔަކަމަށް ސްޓޯންސް ބުންޏެވެ. އޭނާ ބުނީ މިސީޒަންގައި އޭނާ ދައްކަމުންދާ ކުޅުމުގެ ސަބަބުން މިފަހަރު އިންގްލަންޑް ޓީމްގައި އޭނާ ހިމެނެން ވާނެކަމަށް އެންމެންވެސް ބުނަމުން ދިޔަކަމަށާއި ނަމަވެސް އެމެސެޖް ލިބެންދެން ހުންނަން ޖެހުނީ ނޭވާ ހިފަހައްޓަލައިގެންކަމަށެވެ. އަދި ސިޓީއަށް ފަހުން ގުޅުނު ކުޅުންތެރިންގެ ސަބަބުން ފުރަތަމަ އެގާރައިން ޖާގަހޯދުމަށްޓަކައި އޭނާ ކުރަމުން އައި މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދިޔަ ކަމަށެވެ.

މިފަހަރުގެ އިންޓަރނޭޝަނަލް ބްރޭކްގައި އިންގްލަންޑް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ރޭ ބައްދަލުކުރާނީ ސެން މެރީނޯއާއެވެ.