ކުޅިވަރު

ރެއާލް އާއި ލިވަޕޫލް ބައްދަކުރާ މެޗު ސްޕެއިންގައި ކުޅެނީ


ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކްއާޓަރ ފައިނަލްގެ ފުރަތަމަ ލެގްގައި ރެއާލް މެޑްރިޑާއި ލިވަޕޫލް ބައްދަލުކުރާމެޗް ރެއާލްގެ ދަނޑުގައި މިހާރު ކުޅެވޭގޮތަށް ހަމަޖެހިއްޖެއެވެ. ރެއާލްގެ ދަނޑުގައި މިމެޗް ކުޅެވޭގޮތަށް ހަމަޖެހިގެން މިދިޔައީ ކޮރޯނާ ވައިރަހާއި ގުޅިގެން ސްޕެއިން އިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭނެކަން ހާމަކުރުމާއި ގުޅިގެންނެވެ.

ސްޕެއިން އިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަަބަބުން އިނގިރޭސިވިލާތުން އެޤައުމަށްދާ ފްލައިޓް ތަކަށް ހަރުކަށި ފިޔަވަޅުތަކެއް މިދިޔަ އަހަރުގެ ޑިސެމްބަރުމަހުން ފެށިގެން އޮތީ އަޅާފައެވެ. އަދި މިކަމުގެ ސަބަބުން ރެއާލް އާއި ލިވަޕޫލް ބައްދަލުކުރާމެޗް ސްޕެއިން އިން ބޭރުގައި ކުޅެން ޖެހޭނެ ކަމަށް ކުރިން ހީވެފައިވީނަމަވެސް ސްޕެއިން އިން އެޤައުމުން އަޅާފައިވާ ފިޔަވަޅުތަކަށް މިމަހަށްފަހު ލުއި ދޭނެކަން ވަނީ ހާމަކޮށްފައެވެ. މިގޮތުން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް މިމަހުގެ 30 ވަނަ ދުވަހު ނިމުމަކަށް އަންނާނެކަމަށްވަނީ ބެލެވިފައެވެ. ރެއާލް އާއި ލިވަޕޫލް ބައްދަލުކުރާ ފުރަތަމަ ލެގްގެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ. މިބަދަލާއެކު ޔުއޭފާ ޔޫރޮޕާ ލީގުގައި ގްރެނާޑާ އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރާމެޗްވެސް ސްޕެއިންގައި މިހާރު ކުޅެވޭނެއެވެ. އެމެޗް ކުޅުމަށް ހަމަޖެހިފައިވަނީ އެޕްރީލްމަހުގެ 8 ވަނަ ދުވަހުއެވެ.

އިނގިރޭސިވިލާތުގައި ކޮރޯނާ ވައިރަހުގެ އާ ވޭރިއަންޓެއް ފެތުރެން ފެށުމާއެކު ގިނަ ޤައުމުތަކަކުން ވަނީ އެޤައުމުން ދަތުރުކުރާ މީހުންނާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.