ވިޔަފާރި

ރީޖަނަލް އެއަރޕޯޓް ކޮމްޕެނީގެ ކޮންސަލްޓަންޓަކަށް މޫސާ ޞާލިހު!


ރީޖަނަލް އެއަރޕޯޓް ކޮމްޕެނީގެ ކޮންސަލްޓަންޓެއްގެ މަޤާމަށް އެމްއޭސީއެލްގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރެއްވި މޫސާ ޞާލިހު އައްޔަންކޮށްފިއެވެ.

ރީޖަނަލް އެއަރޕޯޓް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރިޒްވީ ވަނީ، މޫސާ ޞާލިހު އެކުންފުނީގެ ކޮންސަލްޓަންޓެއްގެ މަޤާމަށް އައްޔަންކުރިކަން ޕީއެސްއެމް ނިއުސްއަށް ޔަޤީންކޮށްދީފައެވެ. އަދި ކުންފުނީގައި ދުވަހުން ދުވަހަށް ހިނގާ މަސައްކަތްތަކުގައި މުސާ ޞާލިހު ބައިވެރިވެވަޑައިގަންނަވާނެކަމަށްވެސް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީން ބުނެއެވެ.

އޭވިއޭޝަން ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި މޫސާ ޞާލިހު ވަނީ މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގައި 39 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައެވެ. އެކުންފުނީގައި އޭނާ އެންމެފަހުން އަދާކުރެއްވީ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރގެ މަޤާމެވެ. އަދި އެމްއޭސީއެލްގެ ވަޒީފާއިން މޫސާ ޞާލިހު ރިޓަޔަކުރެއްވީ މިދިޔައަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ރީޖަނަލް އެއަރޕޯޓް ކޮމްޕެނީގެ ބޯޑު އެކުލަވައިލީ މިދިޔަ ޖެނުއަރީމަހުގެ ތެރޭގައެވެ. އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަންކޮށްފައިވަނީ ކުރިން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުންނެވި މުޙައްމަދު ރިޒްވީއެވެ. އަދި ޗެއަރމަންއަކަށް ހަމަޖައްސާފައިވަނީ އަބްދުއްލަތީފް ޤާސިމްއެވެ. ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ދެން ތިއްބަވަނީ މުހައްމަދު ފިރުޒުލްއާއި، މުހައްމަދު ޝަފާއު ހުސައިން، ހުސައިން ޝާމިން އަދި އަބްދުﷲ ވަހީދުއެވެ.

ރީޖަނަލް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑަކީ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. މި ކުންފުންޏަކީ ސަރުކާރުން ހިންގަމުން ގެންދަވާ ސަރަޙައްދީ އެއަރޕޯޓްތައް ވިޔަފާރީގެ އުޞޫލުން ހިންގުމަށާއި، ސަރުކާރުން ރީޖަނަލް އެއަރޕޯޓްސް މެދުވެރިކޮށް ހިންގަމުން ގެންދަވާ ވައިގެ ބަނދަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ހިންގުމަށްޓަކައި އުފެއްދެވި ކުންފުންޏެކެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 17 އެއަޕޯޓް އެބައޮތެވެ. މީގެ ތެރޭގައި 4 އިންޓަރނޭޝަނަލް އެއަޕޯޓް ހިމެނެއެވެ. އަދި ރީޖަނަލް އެއަޕޯޓްސްއިން 7 އެއަޕޯޓެއް އޮޕަރޭޓް ކުރަމުން ގެންދެއެވެ.