ޚަބަރު

މޫސުމާބެހޭ މައުލޫމާތު އެއްކުރުމުގައި މެޓް އޮފީހަށް ބޮޑެތި ކުރިއެރުންތައް


ދުނިޔޭގެ މޫސުމާބެހޭ ޖަމިއްޔާގެ މެންބަރު ޤައުމެއްގެ ގޮތުގައި ރާއްޖެ ހިމެނުނީ 1 ޖޫން 1978ގައެވެ. ރާއްޖޭގެ މޫސުމާބެހޭ މަޢުލޫމާތުތައް އޭގެ ކުރިން ފެށިގެން އެއްކުރަމުން އައިނަމަވެސް، ޖަމިއްޔާގެ ބައިވެރިއަކަށްވުމާއެކު މޫސުން ދެނެގަތުމުގެ ޤާބިލިއްޔަތުކަން ވަނީ އިތުރުވެފައެވެ. ބައިނަލްއަޤްވާގޮތުން ފާހަގަކުރާ "ދުނިޔޭގެ މުސުމާ ބެހޭ ދުވަސް" މިއަދު ފާހަގަކުރާއިރު، ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ގިނަ ކުރިއެރުންތައް ހޯދާފައެވެ.


އެންމެ ފުރަތަމަ މޫސުމާ ބެހޭ މަޢުލޫމާތު އެއްކުރަން ފެށީ ޢަމަލީގޮތުން ބޭނުންކުރާ މަދު އާލާތްތައް ބޭނުންކޮށްގެންނެވެ. އެގޮތުން އޭރު ފިނިހޫނުމިން ދެނެގަތުމަށާ، ވަޔާ، ޕްރެޝަރު އަދި ވާރޭ ވެހޭ މިންވަރުވެސް ދެނެގަންނަމުން އައީ މެނުއަލްކޮށް ނަގާ މަޢުލޫމާތުތަކަކުންނެވެ.

ރާއްޖޭގެ މެޓް އޮފީހުން ހޯދާފައިވާ ކުރިއެރުންތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މޯލްޑިވްސް މީޓްރޮލޮޖިކަލް ސެންޓަރުގެ އެސިސްޓަންޓް މީޓްރޮލޮޖިސްޓް ތަހުމީނާ އަބްދުލްކަރީމް ވިދާޅުވީ އެއިރާ ޚިލާފައި މިހާރު ރާއްޖޭގެ މޫސުން ދެނެގަތުމުގައި އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކުރަން ފަށާފައިވާކަމަށެވެ. އެގޮތުން ރާއްޖެއާއި ރާއްޖެ ހިމެނޭ ސަރަހައްދުގެ މޫސުމާބެހޭ އެންމެހާ މަޢުލޫމާތުތައްވެސް މިހާރު ފަސޭހަމާއެކު ވަގުތުން ބަލާލެވޭނެ ވަސީލަތްތައް ޤާއިމުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ސެޓެލައިޓް ފޮޓޮއަކީ މީ މޫސުން ދެނެގަތުމަށް މުހިންމު ވަސީލަތެއް. ފުރަތަމަ ފެށީއިރު ދުވާލަކަށް ލިބޭނީ އެންމެ ސެޓެލައިޓް ފޮޓޮއެއް. ނަމަވެސް މިހާރު ކޮންމެ 15މިނެޓަކުން އެބަ ސެޓަލައިޓް ފޮޓޮއެއް ލިބޭ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ މޫސުން ދެނެގަތުމަށް، ހުރިހާ ސަރަޙައްދުތައް ހިމެނޭހެން 34 އޮޓޮމެޓިކް ވެދަރ ސިސްޓްމަ އެބަހުރި. އަދި ދާދި ފަހުން ހުޅުލޭގައި ބޭނުންކުރަން ފެށި ރޭޑަރ ސިސްޓަމްއިންވެސް ރާއްޖޭގެ ބޮޑު ސަރަޙައްދެއް ކަވަރކުރޭ. މިއިން ކޮންމެ ކަމެއްގެ ސަބަބުންވެސް، މޫސުން ދެނެގަނެ ކުރިއަށް ލަފާކުރުމަށް ބޮޑު އެހީއަކަށްވޭ." ތަހުމީނާ ވިދާޅުވިއެވެ

މީޓިއޮރޮލޮޖީގެ ދާއިރާއިން ރާއްޖެއަށް ވަނީ އެކިއެކި ބައިނަލްއަޤްވާމީ މިންކުރުންތައްވެސް ލިބިފައެވެ.

ތަހުމީނާ ވިދާޅުވީ މިހާރު ހުރި ވަސީލަތްތަކުން ކުރިއަށް އޮތް 5 ދުވަހަށް މޫސުން ލަފާކުރެވޭގޮތް ފަސޭހައިން ދެނެގަނެވޭކަމަށެވެ. އަދި ދިގުމުއްދަތުގެ މޫސުން ލަފާކުރާ "ސީޒަނަލް ފޯކާސްޓް" ހެދުމުގެ މަސައްކަތްވެސް ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ތަހުމީނާ ވިދާޅުވީ ދިގުމުއްދަތަށް ބަލާނަމަ ރާއްޖޭގެ މޫސުމަށް އެކި ކަހަލަ ބަދަލުތައް އަންނަކަން، އެއްކޮށްފައިވާ މަޢުލޫމާތުތަކުން ޙާމަވާކަމަށެވެ. ޚާއްސަކޮށް އިރުވައި މޫސުމުގެ ވިއްސާރައަށް ބަދަލުތަކެއް އައިސްފައިވާކަމަށް ވިދާޅުވިއެވެ.

"އިރުވައި މޫސުމުގައި ވާރޭ ނުވެހި ދިގުލައިގެންގޮސް، ފެނަށް ޖެހޭކަން އެބަ ފާހަގަވޭ. މި މައްސަލަ ބޮޑަށް ކުރިމަތިވަނީ ރާއްޖޭގެ އުތުރަށް. ދެން ފާހަގަވަނީ ވާރޭވެހޭއިރު ކުޑަވަގުތުކޮޅެއްގެތެރޭ އާދަޔާ ޚިލާފައި ބޯކޮށް ވާރޭވެހޭކަން. ކުޑަ ވަގުތުކޮޅަކަށް ވާރެ ވެހޭއިރުވެސް ބައެއް ރަށްތަކުގައި އެބަ ވަރަށް އަވަހަށް ފެން ބޮޑުކޮށްލާ. ގެއްލުންވެސް އިތުރުވޭ." ރާއްޖޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ތަހުމީނާ ވިދާޅުވިއެވެ.

މެޓް އޮފީހުން ވިދާޅުވީ ވޭތުވެދިޔަ 30 ވަރަކަށް އަހަރު އެއްކުރި މަޢުލޫމާތަށް ބަލާއިރު ރާއްޖޭގެ ފިނިހޫނުމިން މައްޗަށްދާކަމަށްވެސް ދައްކާފައިވާކަމަށެވެ.

މޫސުމާ ބެހޭ މަޢުލޫމާތުތައް ފުޅާ ދާއިރާއެއްގައި އެއްކުރަމުން އަންނައިރު މި މަޢުލޫމާތު ވެފައިވަނީ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައިވެސް މުހިންމު މަޢުލޫމާތުތަކަށެވެ. އެއްކުރާ މަޢުލޫމާތުގެ ސަބަބުން ކުރިއަށް މޫސުން ލަފާކުރުމާ، މޫސުމާ ބެހޭ ދިރާސާތައް ހެދުމާ، ކޮންސްޓްރަކްޝަން ދާއިރާ އަދި ދަތުރުފަތުރުގެ ނިޒާމުގެ ހިންގުމަށްވެސް މި މަޢުލޫމާތުތައް ވަރަށް މުހިންމެވެ.

"ކޮންސްޓްރަކްޝަން މަސައްކަތް ކުރާއިރުވެސް ވާރެއާ ވައިގެ މަޢުލޫމާތު ވަރަށް މުހިންމުވޭ. އަދި ކަނޑު އުޅަނދުތަކާ، ވައިގެ އުޅަނދުތަކަށް ކޮންމެ ގަޑިއިރަކުން މި މަޢުލޫމާތުތައް އެބަ ފޯރުކޮށްދެން." ތަހުމީނާ ވިދާޅުވިއެވެ.

ކޮންމެ ދުވަހެއްގެ މޫސުމާބެހޭ މަޢުލޫމާތުތައް އާއްމުންނާ ހަމައަށް ތާޒާކޮށް ގެނެސްދިނުމަށް މެޓް އޮފީހުން މުހިންމު މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން މޫސުމީ މަޢުލޫމާތު ގެނެސްދިނުމަށް މެޓް އޮފީހުގައި ސްޓޫޑިއޯއެއް ހަދާ، އެ މަޢުލޫމަތު ވީޑިއޯ ހިމެނޭހެން މީޑިއާތަކަށް ދަނީ ފޯރުކޮށްދެމުންނެވެ. އަދި ކޮމިއުނިޓީ ވައިބަރ ގްރޫޕާ އަދި ވެބްސައިޓް މެދުވެރިކޮށް މި މަޢުލޫމާތުތައް އަބަދުވެސް ދަނީ އަޕްޑޭޓްކުރަމުންނެވެ.

ދުނިޔޭގެ މޫސުމާބެހޭ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ކަނޑާއި އަހަރެންގެ މޫސުން"މި ޝިއާރެވެ. ރާއްޖޭގެ ބޮޑު އިންސައްތައެއް ޙިއްސާކުރަނީ ކަނޑެވެ. މޫސުމީ ބަދަލުތައް ކަނޑުގެ އޮއިވަރާ، ހޫނުމިނާ، ލޮނުގަނޑުގެ އުސްމިނަށް އަންނަމުންދާ ބަދަލުތަކާ ވަރަށް ބޮޑަށް ގުޅެއެވެ.