ވިޔަފާރި

މިފްކޯ އޮތީ މާލީ ގޮތުން ރަގަޅު ހާލަތެއްގައި - އަދްލީ އިސްމާއިލް


މިފްކޯ އޮތީ މާލީ
ގޮތުން ރަގަޅު ހާލަތެއްގައި ކަމަށާއި މަސްވެރިން އަތުން ގަންނަ މަހަށް ފައިސާ
ދިނުމުގައި ދަތި ކަމެއް އުޅެނީ ފައިސާ މަސްވެރިންނާއި ހަމައަށް ފޮނުވުމުގައި ހުރި
ދަތި ތަކާއި ގުޅިގެން ކަމަށް މިފްކޯގެ ސީއީއޯ އަދްލީ އިސްމާއިލް ވިދާޅުވެއްޖެއެވެ.



ޕީއެސްއެމްއަށް
ދެއްވި އިންޓަރވިއުއެއްގައި އަދްލީ ވިދާޅުވީ މިހާރު ފައިސާ ނުދެވި ހުންނާނީ
ފާއިތުވީ ދެ ތިން ދުވަހަށް ކަމަށާއި އެ ދުވަސްތަކުގައި މަސްވެރިން އަތުން
ގަނެފައިވާ މަހަށް ވާ ފައިސާ ކުރިއަށް އޮތް ހަފްތާތެރޭ ދައްކާ ނިންމާނެ ކަަމަށެވެ.   



މިދުވަސްވަރަކީ
މަސްވެރިކަން ރަގަޅު ދުވަސްވަރެއް ކަމަށާއި އެގޮތުން ފާއިތުވީ ހަފްތާ ތެރޭ އާދަޔާ
ހިލާފަށް ގިނައިން މިފްކޯއިން މަސް ގަނެފައިވާ ކަމަށް އަދްލީ ވިދާޅުވިއެވެ. އަދްލީ
ފާހަގަކުރެއްވިގޮތުގައި ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށްވެފައިވީ ނަމަވެސް
މިފްކޯއިން މަސް ގަންނަ އަގަށް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ.



މިފްކޯއިން އަބަދުވެސް މަސައްކަތް ކުރާނީ މަސްވެރިންގެ
ލާބަޔަށް ކަމަށާއި، މަސްވެރިންނަށް ދެރައެއް ލިބޭނެ ފަދަ ގޮތަކަށް މިފްކޯއިން
އަމަލް ނުކުރާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށްވެސް އަދްލީ ވިދާޅުވިއެވެ.