ޚަބަރު

މިޔަރު ބާނަމުން ދިޔަ ދޯންޏެއް، އުރަހައާއި ލޮނުއެޅި މިޔަރު މަސް


މިޔަރު މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއް ހުއްޓުވާ ދޯންޏާއި ފަޅުވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ އދ. މާންދޫ ކައިރީގައި ބަޔަކު މިޔަރު މަސްވެރިކަން ކުރަމުންދާކަމުގެ މައުލޫމާތު މިއަދު 11:30 އެހާކަންހާއިރު އެ އިދާރާއަށް ލިބުމުން އެ އަތޮޅުގައި މަސައްކަތްކުރާ ފުލުހުންގެ ޓީމެއް އެ ދޯނި ހޯދުމަށް ނުކުތްކަމަށެވެ. އަދި ދޯނި ހޯދަމުން ދަނިކޮށް މާވަރު ފަޅު ކައިރިން ދޯނި ފެނުމުން ހުއްޓުވާ ބެލިއިރު އެދޯނިން ދިޔައީ މިޔަރު މަސްވެރިކަން ކުރަމުންކަމަށް ފުލުހުން ވިދާޅުވެއެވެ.

ދޯނީގައި 4 މީހުން ތިބިކަމަށާއި އެ ދޯނީ ބަލާފާސްކުރިއިރު ދޯނީގެ ތެރެއިން މިޔަރާއި މިޔަރުގެ އުރަހައާއި ލޮނު އަޅާފައިވާ މިޔަރު މަސް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މި މައްސަލަ ބަލަމުން އަންނަކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.

ރާއްޖޭގައި މިޔަރަކީ ހިމާޔަތްކޮށްފައިވާ ބާވަތަކަށްވުމުން މިޔަރު މަސްވެރިކަން ކުރުމަކީ މަނާކަމަކެވެ. އެހެންނަމަވެސް ފަހަކަށް އައިސް މިޔަރު ގިނަވެ މަސްވެރިންނަށް މަސްވެރިކަންކުރުމުގައި އުނދަގޫތައް ދިމާވެ ގިނަ ބަޔަކު އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މަސްދޯންޏަކުން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާދިން ހާދިސާއެއްވެސް ދާދިފަހުން ވަނީ ހިނގާފައެވެ.