ޚަބަރު

ކޯވިޑާއި ގުޅިގެން އެސްޓީއޯން ޚަރަދުކޮށްފައިވަނީ އުސޫލާ އެއްގޮތަށް - އޮޑިޓް ރިޕޯޓު


ކޯވިޑް-19އާ ގުޅިގެން ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން، އެސްޓީއޯ އިން ޚަރަދުކޮށްފައިވަނީ އެކުންފުނީގެ ޕްރޮކިއުމަންޓު ޕޮލިސީތަކާއި ގައިޑުލައިންތަކާ އެއްގޮތަށް ކަމަށް އެސްޓީއޯގެ ޚަރަދުތަކާއި ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓްގައި ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އާ ގުޅިގެން އެންމެ ބޮޑު ޚަރަދެއްކުރި އެއްތަނަކީ އެސްޓީއޯއެވެ. އެކުންފުނިން ކޯވިޑް-19ގެ ޚަރަދުތަކަށް 490 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އޮޑިޓް އޮފީހުން އެސްޓީއޯގެ އޮޑިޓް ރިޕޯޓެއް އެކުލަވާލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި ފިނޭންސް މިނިސްޓްރީން އެދިގެންނެވެ.

އެސްޓީއޯގެ އޮޑިޓް ރިޕޯޓްގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ކޯވިޑް-19އާ ގުޅިގެން އެމަރޖެންސީ ސްޓޮކެއް ގާއިމުކުރުމަށް އެސްޓީއޯއާއި މިނިސްޓްރީ އޮފް ފިނޭންސްއާ ދެމެދު ވެވުނު އެމްއޯޔޫގެ ދަށުން 2 މަސް ދުވަހަށް ބޭނުންވާ ސްޓޮކް ޤާއިމުކުރުމަށް 84.06 މިލިޔަން ރުފިޔާ އެސްޓީއޯއަށް ދޫކޮށްފައިވުމާއި އެމަރޖެންސީ ސްޓޮކްގެ ގޮތުގައި ކަނޑައަޅާފައިވާ ތަކެތި ގެނައުމަށް ދޫކުރި ފައިސާއިން 33.06 މިލިޔަން ރުފިޔާ ކާޑުގެ ބާވަތްތައް ގެނައުމަށް ޚަރަދުކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި ކޯވިޑް-19އާ ގުޅިގެން ނެޝަނަލް ހެލްތު ރިކުއަރމަންޓް ލިސްޓަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓާއި ކޮންސިއުމަބަލްސް ހޯދުމަށް 16 އޭޕްރީލް 2020 ގައި އެސްޓީއޯ އާއި މިނިސްޓްރީ އޮފް ފިނޭންސާއި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ ދެމެދު ވެވުނު އެއްބަސްވުމާއެއްގޮތަށް މުދާ ހޯދައި ފޯރުކޮށްދިނުމުގައި މައިގަނޑުގޮތެއްގައި އެސްޓީއޯގެ ޕްރޮކިއުމަންޓް ޕޮލިސީތަކާ ގައިޑްލައިންތަކާ އެއްގޮތަށް ޢަމަލުކޮށްފައިވާކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.

މީގެ އިތުރުން ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްޤީ ކުރެވުނު މެޑިކަލް ފެސިލިޓީތަކަށާއި ބިދޭސީން ބޭތިއްބުމަށް ތައްޔާރުކުރެވުނު ފެސިލިޓީތަކަށް ބޭނުންވާ މުދަލާއި ތަކެތި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އޯޑަރ ކުރުމުން، އެ ތަކެތި ހޯދައި އެތަންތަނަށް ފޯރުކޮށްދިނުމުގައި މައިގަނޑުގޮތެއްގައި އެސްޓީއޯގެ ޕްރޮކިއުމަންޓް ޕޮލިސީތަކާ ގައިޑްލައިންތަކާ އެއްގޮތަށް ޢަމަލުކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް އޮޑިޓަރ ޖެނެރަލް ވަނީ އެސްޓީއޯއިން ބައެއް ކަންކަން އިޞްލާހުކުރުމަށްވެސް ލަފާދެއްވާފައެވެ. އެގޮތުން އެސްޓީއޯއިން ގެންނަ ކާޑުގެ ބާވަތްތަކަކީ ސަރުކާރުން ސަބްސިޑައިޒް ކޮށްފައިވާ ތަކެތިކަމަށްވުމުން، އިމަރޖެންސީ ސްޓޮކްގެ ގޮތުގައި ކަނޑައަޅާފައިވާ ތަކެތި ގެނައުމަށް ދޫކުރި ފައިސާއިން 33.06 މިލިޔަން ރުފިޔާ ކާޑުގެ ބާވަތްތައް ގެނައުމަށް ބޭނުންކޮށްފައިވާތީ، އެކަމާ ގުޅިގެން މިނިސްޓްރީ އޮފް ފިނޭންސްއާއެކު މަޝްވަރާކުރުމަށްފަހު ގޮތެއް ނިންމެވުމަށް ވަނީ ދަންނަވާފައެވެ. އަދި މެޑިކަލް އިކުއިޕްމަންޓް ހޯދުމުގައި ވޮރަންޓީ އަދި އާފްޓަރސޭލްސް ސަރވިސް ފޯރުކޮށްދޭ ފަރާތްތަކާއެކު އެއްބަސްވުން ގާއިމު ކޮށްގެން މެޑިކަލް އިކުއިޕްމަންޓް ހޯދުމަށްވެސް ލަފާދެއްވާފައިވެއެވެ.

މީގެ އިތުރުން ސަރުކާރުގެ އިދާރާތަކުން އެސްޓީއޯ މެދުވެރިކޮށް އެހެންފަރާތްތަކުން ތަކެތި ހޯދުމަށާއި ސަރުކާރުގެ އިދާރާއަކުން ބޭނުންވާ ވަކި ފަރާތަކާއި މަސައްކަތް ހަވާލުކޮށްގެން ތަކެތި ހޯދުމުގައި ކުންފުނީގެ "ޕްރޮކިއުމަންޓް އޮފް މާޗެންޑައިޒިން އަދި ނޮން-މާޗެންޑައިޒިން އައިޓަމްސް ޕްރޮސީޖަރ" ގައިވާ ގޮތަށް ޢަމަލުކުރުމަށްވެސް އޮޑިޓަރ ޖެނެރަލް ވަނީ ލަފާދެއްވާފައެވެ.