ޚަބަރު

ފައިސާ، މުދާ އަދި މަތީ މަގާމުތަކުގެ ދަޅަތައް ސިފައިންނަށް ދައްކާ!


މި ޒަމާނުގައި ސިފައިންގެ އަޒުމާއި ހިތްވަރު ގުޑުވާލުމަށް ދިމާކުރަނީ "ފައިސާ އާއި
މުދަލާއި މަތީ މަގާމުތަކުގެ ދަޅަތައް ދައްކައިގެން" ކަމަށާއި ދިވެހި
ސިފައިން އެފަދަ ކަންތައްތަކުގައި ނުޖެހުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަ
ޖެނެރަލް އަހުމަދު ޝިޔާމް ނަސޭހަތްތެރިވެވަޑައިގެންފިއެވެ.



ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމް މިކަމަށް ނަސޭހަތްތެރިވެވަޑައިގެންނެވީ
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފް އިން ރޭ ބޭއްވި ޖަލްސާގައި
ވާހަކަފުޅު ދައްކަވަމުންނެވެ. ޖެނެރަލް ޝިޔާމްގެ ވިދާޅުވީ، ހިތާމައަކީ
މިފަދަ ކަންކަމުގައި އަދިވެސް ބައެއް ސިފައިން ޖެހޭތީ ކަމަށާއި އެފަދަ ފަރާތްތަކަށް މިކަމުގެ ނުރައްކާތެރިކަން
ނުވިސްނޭކަމަށެވެ. "އަޅުގަނޑު މިއަދު ދިވެހި ރައްޔިތުންނަށް
ޔަގީންކޮށް އަރުވަން ބޭނުން ވަނީ އެހެން އަދި ބަޑިއެއް ޖަހާލިޔަކަސް
އަޅުގަނޑުމެންނެއް ނުގުޑާނެކަން. އެހެން އަދި އަޅުގަނޑުމެންނާ ދިމާއަށް ފާޑުފާޑުގެ
ނަންނަން ކިޔައި ދިމާކުރިއަކަސް އަޅުގަނޑުމެންގެ ހިތްތަކެއް ގުޑުގުޑެއް ނާޅާނެ،"
ޝިޔާމް ވިދާޅުވި އެވެ. 



ޚާއިނުންތަކެއް އަބަދުވެސް ތިބޭނެ ކަމަށާއި
ގައުމެއްގައި ސިފައިން ތިބުމުގެ ބޭނުމަކީ އެ ކަންކަމުން ރައްޔިތުންނަށް ސަލާމަތާއި
ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ. މީގެ 27 އަހަރު ކުރިން ރާއްޖެ އަށް ހަމަލަދޭން
ބޭރުން ބަޔަކު އެރި ގޮތަށް 100 އެއްހާ މީހުން ރާއްޖެ އަރައި މި ޒަމާނުގައި
ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށާއި އެއަށް ވުރެ ބޮޑަށް ސިފައިން ތިބީ ހޭލައިގެން
ކަމަށާއި އެހެންވެ މިހާރު މި ޒަމާނުގައި ސިފައިންގެ އަޒުމް ގުޑުވާލުމަށް ދިމާކުރަނީ "ފައިސާ އާއި މުދަލާއި މަތީ މަގާމުތަކުގެ ދަޅަތައް ކަމަށް އޭނާ ވިދާޅުވިއެވެ. މިއަދު ގައުމު ހަލާކުކޮށްލަން
މަސައްކަތް ކުރަނީ މިގައުމު ދުނިޔެއަށް ފަޟީހަތްކޮށްގެން ކަމަށާއި ދިވެހިންގެ
ބަޔަކު އެކަންކުރާތީ ހިތާމަކުރައްވާކަމަށް ވިދާޅުވިއެވެ.