ޚަބަރު

ދެވަނަ ޑޯޒް ދެނީ ރާއްޖެއިން ބޭރަށް ދިއުމަށްފަހު ވަކި މުއްދަތެއްގައި ރާއްޖެ ނާދެވޭނެ މީހުންނަށް


ޚާއްސަ ހާލަތްތަކާ ގުޅިގެން ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ބޭނުންވާ މީހުން ރަޖިސްޓްރީވުމަށް އާއްމުކޮށް ހުޅުވާލައިފިއެވެ. މީގެކުރިންވެސް ބައެއް މީހުން އެދުމާ ގުޅިގެން، ޚާއްސަ ޙާލަތަށް ބަލައި ދެވަނަ ޑޯޒް ޖަހައިދީފައިވެއެވެ.

ރާއްޖޭގައި އާއްމުކޮށް ހުޅުވާލައިގެން އަދި ދޭން ފަށާފައިވަނީ ކޯވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒްއެވެ. ނަމަވެސް ޚާއްސަ ޙާލަތްތަކާ ގުޅިގެން ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ބޭނުންވާ މީހުންނަށް އެ ފުރުޞާތުވަނީ ހުޅުވާލާފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވީ ޚާއްސަ ޙާލަތުގެ ގޮތުގައި ބަލަނީ، ޚާއްސަ ޙާލަތަކާ ގުޅިގެން ރާއްޖެއިން ބޭރަށް ދަތުރުކޮށް، އަދި ފުރަތަމަ ޑޯޒް ޖެހިތާ 12 ހަފްތާ ވާންވާއިރަށް އަނބުރާ ނާދެވޭ މީހުންނެވެ.

އެޗްޕީއޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ އެޖެންސީގެ ޑިރެކްޓަރ އަޙުމަދު ނާޞިރު ވިދާޅުވީ ޚާއްސަ ޙާލަތުގެ ގޮތުގައި ބަލަނީ ބޭސް ފަރުވާއަށް ދިއުމަށްޓަކާ ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނާއި ތަޢުލީމު ޙާސިލުކުރުމަށް ރާއްޖެއިން ބޭރަށްދާ މީހުން ކަމަށެވެ.

"މީގަ އެބަހުރި ޝަރުތުތަކެއް. އެއީ ފުރަތަމަ ޑޯޒް ޖެހިފަހުން 4 ހަފްތާ ވެފައިވާ ފަރާތަކަށް ވާންވާނެ. އަދި ދެވަނަ ޑޯޒް ޖަހަންޖެހޭ މުއްދަތުކަމަށްވާ، 12 ހަފްތާގެ ކުރިން އެނބުރި ރާއްޖެ ނާދެވޭނެ ފަރާތަކަށް ވާންވާނެ." ނާސިރު ވިދާޅުވިއެވެ.

މި ޙާލަތްތަކާ ގުޅިގެން ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ބޭނުންވާ މީހުން އެޗްޕީއޭގެ ހޮޓްލައިން 1676އަށް ގުޅައިގެން ނަން ނޯޓުކުރަމުން ދިއުމަށް އެޗްޕީއޭއިންވަނީ އެދިފައެވެ. ދެވަނަ ޑޯޒް ދިނުން ކުރިއަށްދާނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ.

އެޕޮއިންޓްމަންޓް ހައްދާއިރު، ދަތުރާ ގުޅޭ މަޢުލޫމާތު ޙިއްސާކުރުމަށާއި، ސިއްޙީ ފަރުވާއަށްދާ މީހުން އެކަމާގުޅޭ ލިޔެކިޔުން އަދި ކިޔަވަންދާ މީހުން ޔުނިވަރސިޓީގެ އެންރޯލްމަންޓް ލިޔުން ހުށައެޅުމަށްވަނީ އެދިފައެވެ. އަދި އައިޑީކާޑާއި ވެކްސިން ކާޑުގެ މަޢުލޫމާތު ޙިއްސާކުރުމަށް އެޗްޕީއޭއިންވަނީ އަންގާފައެވެ.