ސިޔާސީ

ކުއްލި ނުރައްކަލުގެ ގަރާރު 58 މެމްބަރުންގެ ވޯޓާއެކު ފާސްކޮށްފި


ރާއްޖޭގެ ހުރިހާސަރަހައްދެއްގައި އިއުލާންކޮށްފައިވާ
ކުއްލި ނުރައްކަލުގެ ހާލަތު ގަރާރު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިގަރާރު ފާސްވީ ވޯޓުގައި ބައިވެރި މެމްބަރުންގެ ތެރެއިން 58 މެމްބަރުންގެ
އަޣްލަބިއްޔަތުންނެވެ.



ކުއްލި
ނުރައްކަލުގެ ހާލަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާ ގަރާރާ ގުޅޭ
ގޮތުން މަޖިލީހުން އަމަލު ކުރާނެ ގޮތެއް މަޖިލީހުގެ ގަވާއިދުގައި ބުނެފައެއް ނުވެއެވެ.
އެހެންކަމުން އެ ގަރާރާމެދު އަމަލު ކުރާނެ ގޮތް ކަނޑައަޅާފައި ވަނީ ރިޔާސަތުން  ހުށަހެޅުއްވި ހުށަހެޅުންތައް މަޖިލީހުގެ
ތަޅުމަށް ވޯޓަށް އަހައިގެންނެވެ. އެގޮތުން ވަނީ 11:00 ޖެއިރު ބަހުސް ކުރިއަށް
ގެންދިއުމަށް ހުށައަޅާ އެގޮތަށް ފާސްކޮށްފައެވެ.



ޤާނޫނޫ އަސާސީގެ 257 ވަނަ މާއްދާގައި ބުނެފައި ވަނީ ކުއްލި
ހާލަތު އިއުލާނު ކުރުމަށް ނެރޭ ގަރާރު 48 ގަޑިއިރުގެ ތެރޭގައި ހުށައަޅާން ޖެހޭނެކަމަށެވެ. އަދި މަޖިލީހުން ބޭނުންވެއްޖެ ނަމަ މުޅި ގަރާރު އެކުގައި ފާސްކުރުމުގެ ބާރު
އަދި ގަރާރުގެ ވަކި ބައެއް ފާސްކުރުމުގެ ބާރުވެސް ރައްޔިތުންގެ މަޖިލީހަށް
ލިބިގެންވެއެވެ. މީގެ އިތުރުން ކުއްލި ޙާލަތުގެ ގަރާރު ބާތިލް ކުރުމުގެ ބާރުވެސް
މަޖިލީހަށް ލިބިގެންވެއެވެ. މިބަހުސްގައި ވާހަކަ ދެއްކެވި ސަރުކާރަށް ތާއީދު ކުރާ
މެމްބަރުން ވިދާޅުވީ، މިއީ ރައްޔިތުންގެ ސަލާމަތާއި
ރައްކާތެރިކަމަށްޓަކައި ރައީސް ނިންމެވި ހިތްވަރުގަދަ ނިންމުމެއްކަމަށެވެ. އަދި ކުއްލި
ނުރައްކަލުގެ ހާލަތުގެ ގަރާރަށް ތާއީދުކުރަންޖެހޭ ސަބަބުތައް ގިނަކަން މެމްބަރުން
ފާހަގަކުރެއްވިއެވެ. މާލޭގައާއި އެހެން ތަންތަނުން ޓެރަރިޒަމުގެ އަމަލުތަކެއް
ހިންގަން އުޅޭކަން ކަށަވަރުވާ ފަދަ ކަންތައްތައް ފެންނަމުން ދާކަން ފާހަގަކުރައްވާ
ބައެއް މެމްބަރުން ވާހަކަދެއްކެވިއެވެ. މި ބަހުސްގައި ޕީޕީއެމްގެ ޕާލިމަންޓްރީ
ގްރޫޕްގެ ލީޑަރު އަޙްމަދު ނިހާން ހުސައިން މަނިކު ވަނީ، ކުއްލި ނުރައްކަލުގެ
ގަރާރު މަޖިލީހުން ފާސް ކުރުމަށް ހުށަހަޅުއްވާފައެވެ. އަދި މެމްބަރުން އެ
ހުށައެޅުމަށް ތާއީދުކޮށްފައިވެއެވެ.



އިދިކޮޅު ފަރާތްތަކުން މި ގަރާރަށް ވަނީ ދެކޮޅު ހަދާ ވާހަކަ ދައްކާފައެވެ. މި
ނުރައްކާތެރި ހާލަތަކީ ހަމައެކަނި މާލެއަށް ގެނަންޖެހޭ ހާލަތެއްކަމަށް އެ
މެމްބަރުން ވިދާޅުވަމުން ގެންދެވިއެވެ.



ކުއްލި ނުރައްކަލުގެ
ހާލަތު އިއުލާނުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ޤަރާރުގައި
ބަޔާންކޮށްފައިވާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާފައިވަނީ ބުދަ
ދުވަހު މެންދުރު ބާރަގަޑި ސުންމިނެޓުން ފެށިގެން 30 ދުވަހުގެ މުއްދަތަށެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ، 28 ސެޕްޓެމްބަރުގައި
ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅުކުރެއްވި ފިނިފެންމާ ލޯންޗްކޮޅުގައި އެއްޗެއް
ގޮއްވާލި ހާދިސާއަށްފަހު ރާއްޖޭގެ ދެ ސަރަހައްދަކުން ނުރައްކާތެރި ހަތިޔާރާއި ގޮވާތަކެތި ފެނިފައިވާތީއާއި އަދިވެސް އެފަދަ ހަތިޔާރު ބައެއްގެ
އަތުގައި ހުރެ އެހަތިޔާރު ބޭނުންކުރުމަށް ބަޔަކު މަސައްކަތްކުރާކަމުގެ ކަށަވަރު މަޢުލޫމާތު
ސަލާމަތީ ބާރުތަކުން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައިވާތީއެވެ.