ޚަބަރު

ތިން ހަފުތާއަށްފަހު އެކުއެޑޯގެ ޞިއްޙަތާބެހޭ ވަޒީރު އިސްތިޢުފާ ދެއްވައިފި


އެކުއެޑޯގެ ޞިއްޙަތާބެހޭ ވަޒީރު ރޮޑޮލްފޯ ފަރުދާން މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ. އޭނާ މަޤާމުން އިސްތިޢުފާ ދެއްވާފައިވަނީ މަޤާމާ ޙަވާލުވެވަޑައިގަތްތާ އެންމެ 19 ދުވަސް ފަހުންނެވެ.

އެކުއެޑޯގެ ޞިއްޙަތާބެހޭ ވަޒީރު އިސްތިޢުފާ ދެއްވީ ކޯވިޑް-19ގެ ވެކްސިން ދިނުމުގައި ވަކި ބަޔަކަށް އިސްކަން ދޭކަމަށް ބުނާ މައްސަލައެއް ތަހުޤީޤު ކުރަމުންދާ ދަނޑިވަޅެއްގައެވެ. އޭނާ އިސްތިޢުފާ ދެއްވުމުގެ ކުރިން ތަހުޤީޤީ އިދާރާތަކުން އެ ޤައުމުގެ ޞިއްޙަތާބެހޭ ވުޒާރާއާއި އެ ޤައުމުގެ ވެރިރަށުގައި ހުންނަ ހަސްފަތާލެއް ބަލައި ފާސްކުރިއެވެ. ނަމަވެސް ފަރުދާން ފޮނުއްވި އިސްތިޢުފާގެ ސިޓީގައި އޭނާ ވިދާޅުވެފައިވަނީ އިސްތިޢުފާ ދެއްވީ އަމިއްލަ ސަބަބުތަކާ ހެދިކަމަށެވެ.

މީގެ ތިން ހަފުތާ ކުރިން ޞިއްޙަތާބެހޭ ވަޒީރުގެ މަޤާމަށް ފަރުދާން ޢައްޔަނު ކުރީ އެ މަޤާމުގައި އޭރު ހުންނެވި ހުއާން ކާލޮސް ޒެވަލޮސް ވެކްސިން ދިނުމުގެ މަސައްކަތްތަކަށް ނުފޫޒު ފޯރުއްވަވާކަމުގެ ތުޙުމަތުތަކާ ގުޅިގެން އިސްތިޢުފާ ދެއްވުމުންނެވެ. އޭގެ ކުރިންވެސް ކޯވިޑް-19އާ ދެކޮޅަށް ފިޔަވަޅު އެޅުއްވުމުގައި އެންމެ އެދެވޭގޮތަކަށް ޢަމަލު ނުކުރައްވާކަމަށް ބުނެ މަޤާމުން އޭނާ ދުރުކުރުމުގެ މަސައްކަތް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުންވަނީ ކޮށްފައެވެ.

އިސް ސަފުގައި މަސައްކަތް ކުރާ މީހުންނަށް ދިނުމަށް ކަނޑައަޅާފައިވާ ވެކްސިން އެކުއެޑޯގެ ސިޔާސީވެރިންނަށާއި ނޫސްވެރިންނަށް ދޭކަމަށް ތުޙުމަތު ކުރެވެއެވެ.