ޚަބަރު

އަޑެޔޭމީ ބާސެލޯނާއަށް ސޮއިކޮށްފި


ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމަންޑަށް ކުޅެމުންދިޔަ ކަރީމް އަޑެޔޭމީ ބާސެލޯނާއަށް ސޮއިކޮށްފި އެވެ.

ޖަރުމަނަށް އުފަން އުމުރުން 24 އަހަރުގެ އަޑެޔޭމީ ބާސެލޯނާއަށް ސޮއިކޮށްފައިވަނީ 2031 ވަނަ އަހަރުގެ ނިޔަލަށެވެ. އޭނާ އެ ކްލަބާއި ގުޅިފައިވާ ޓްރާންސްފަރ ފީގެ އަދަދު ރަސްމީކޮށް އެއްވެސް ކްލަބަކުން ހާމަކޮށްފައިނުވި ނަމަވެސް މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ކްލަބް ބަދަލުކޮށްފައިވަނީ 25.1 މިލިއަން އެމެރިކާ ޑޮލަރުގެ ފީ އަކަށެވެ.

އޮސްޓްރިއާގެ ރެޑްބުލް ސާލްސްބަރގް އިން 2022 ވަނަ އަހަރު ބޮރޫޝިޔާ ޑޯޓްމަންޑާއި ގުޅުނު އަޑެޔޭމީ ވަނީ އެ ކްލަބަށް ކުޅެދިން 146 މެޗުގައި ޖުމްލަ 36 ލަނޑު ޖަހާފަ އެވެ.

ޖަރުމަނުގެ ޒުވާން ޓީމަށްވެސް ކުރިން ކުޅެފައިވާ އަޑެޔޭމީ ބާސެލޯނާއަށް ބަދަލުވިއިރު އެ ޓީމުގެ ކޯޗަކަށް މިވަގުތު ހުރި ހެންސީ ފްލިކަކީ ޖަރުމަނުގެ ޒުވާން ޓީމުގައި އޭނާއަށް ކޯޗުކޮށްދިން ފަރާތެވެ. އަޑެޔޭމީ ފާހަގަވެފައިވަނީ ވަރަށް ހަލުވި އަދި ބާރު ސްޕީޑްގައި ދުވާ ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

އަޑެޔޭމީގެ ސޮއި ބާސެލޯނާއިން ހޯދިއިރު މިއީ ކުރިއަށް އޮތް ސީޒަނަށް އެ ޓީމު އިތުރަށް ވަރުގަދަ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ޓްރާންސްފަރގައި އެ ޓީމާއި ގުޅުނު ދެވަނަ ކުޅުންތެރިޔާ އެވެ. މީޣެ ކުރިން ބާސެލޯނާ އިން ވަނީ ނިއުކާސަލް ޔުނައިޓެޑްގެ އެންތަނީ ގޯޑަންގެ ސޮއިވެސް ހޯދާފަ އެވެ.

ބާސެލޯނާއިން ކުރިއަށް ކުޅޭ ކުޅުންތެރިން ހޯދާފައިވަނީ މިދިޔަ ސީޒަނުގައި އެ ކްލަބަށް ކުޅުނު ރޮބަޓް ލެވަންޑޯސްކީ އަދި މާކަސް ރަޝްފޯޑް އެ ކްލަބް ދޫކޮށް ގޮސްފައިވާތީވެއެވެ. ލެވަންޑޯސްކީ އެމެރިކާގެ ޝިކާގޯ ފަޔާއަށް ބަދަލުވެފައިވާއިރު ލޯނު އެއްބަސްވުން ނިމުމުން ރަޝްފޯޑް ވަނީ އަނބުރާ މެންޗެސްޓަރ ޔުނައިޓެޑާއި ގުޅިފައެވެ.