ޚަބަރު

ލީގް ނުފެށޭތީ ކުލަބްތަކަށް ފޫނުބެއްދޭ ވަރުގެ ގެއްލުންވޭ - މިނިސްޓަރ މަހުލޫފް


ދިވެހި ޕްރިމިއަރ ލީގްގެ ކުޅުން ނުފެށި ލަސްވާ ކޮންމެ ދުވަހަކީ ފުޓްބޯޅައިގެ އިތުރުން ކުލަބްތަކަށް ހާހުން ގެއްލުންވާނެ ދުވަހެއްކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ. މާލޭގައި ކޯވިޑްގެ ކޭސްތައް އިތުރުވުމާއި ގުޅިގެން މިދިޔަ މަހުގެ ތިންވަނަ ދުވަހު އެޗްޕީއޭގެ އެންގެވުމަށްވަނީ މިލީގްގެ ކުޅުން ހުއްޓާލާފައެވެ.

މާލޭގައި ކޯވިޑް-19އިގެ ކޭސްތައް މިއަހަރު ފެށުނީއްސުރެންވަނީ އިތުރުވެފައެވެ. މިކަމާއި ގުޅިގެން މާލޭ ސަރަހައްދުގައިވަނީ އިތުރުފިޔަވަޅުތަކެއް އަޅާ އެފިޔަވަޅުތައް މިދިޔަ ބުރާސްފަތި ދުވަހުވަނީ އަނެއްކާވެސް އެއް ހަފްތާއަށް އިތުރުކޮށްފައެވެ. ގިނަ ކުޅިވަރުތައް ހުއްޓާލާފައިވާއިރު، އެކުވެނި ދުވާ ޓްރެކްވެސް މިފިޔަވަޅުތަކާއި ގުޅިގެން އެޗްޕީއޭގެ އެންގެވުމަށްވަނީ ބަންދުކޮށްފައެވެ.

އެޗްޕީއޭގެ އެންގެވުމާއި އެއްގޮތަށް ލީގް ހުއްޓާލަން ޖެހުމާއި ގުޅިގެން މިހާރު އެންމެ ބޮޑު ގެއްލުމެއްވަނީ ކުލަބް އީގަލްސް އާއި މާޒިޔާއަށެވެ. އޭއެފްސީ ކަޕްގެ ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ ކުލަބް އީގްލަސް އާއި ބޫޓާންގެ ޗެންޕިއަން ތިމްޕޫ ސިޓީ މެޗް އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު މާލޭގައި ކުޅުމަށް މިހާރު ތާވަލްކޮށްފައިވާއިރު ލީގް ނުފެށި ލަސްވުމާއި ގުޅިގެން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްވެސްވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަމުން ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ ރާއްޖޭގެ ކުޅިވަރުތައް ހުއްޓާލާފައި އޮތުމުން އެންމެ ބޮޑު ގެއްލުމެއްވަނީ ފުޓްބޯޅައަށް ކަމަށެވެ. އެހެން ކުޅިވަރުތަކާއި އަޅާބަލާއިރު ފުޓްބޯޅައަށްވާ ގެންލުން ބޮޑުވަނީ ބައިނަލްއަގްވާމީ މުބާރާތްތައް ކުރިއަށް އޮތްއިރު، ކުލަބްތަކުން ބޮޑު އަގުގައި ކުޅުންތެރިންނާއި ކޯޗުން ގެނެސްފައިވާއިރު، ލީގް ހުއްޓާލަންޖެހި، ނުކުޅެދާ ކޮންމެ ދުވަހަކީ ކުލަބްތަކުން އެއްވެސް ކަމެއްނެތި ހޭދަކުރަންޖެހޭ ފައިސާކަމަށް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ. އަދި އެއްވެސް ކުލަބަކަށް އަމިއްލަ ފައިމައްޗަށް ތެދުވެވިފައިނުވާއިރު، މިއީ ކުލަބްތަކުގެ ހިންގާ ފަރާތް ނުވަތަ އަމިއްލަ ޖީބުން ޚަރަދުކުރަންޖެހޭ ބޭކާރު ފައިސާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ކުލަބްތަކަށް މާލީ ގޮތުން ދަތިތަކާއި ކުރިމަތިލާންޖެހޭއިރު، މިއީ ދިވެހި ފުޓްބޯޅައަށްވެސް ލިބޭ ވަރަށް ބޮޑު ގެއްލުމެއްކަމަށް މަހުލޫފް ވިދާޅުވިއެވެ.

" މިއީ ހަމައެކަނި ފުޓްބޯޅައަށް ލިބޭ ގެއްލުމެއް ނޫން. މިއީ ކުލަބްތަކަށް މާލީ ގޮތުންވެސް ލިބޭ ވަރަށް ބޮޑު ގެއްލުމެއް. ރާއްޖޭގެ އެހެން ހުރިހާ ކުޅިވަރަކަށް ވުރެ ބޮޑަށް ފުޓުބޯޅައިން ޚަރަދުކުރާއިރު، ކުރިއަށް އޮތް އޭއެފްސީ ޕްރިލިމިނަރީ ބުރު އާއި އޭއެފްސީ ކަޕްއަށް ޓީމް ވަރުގަދަ ކުރުމަށް ބިދޭސީ މޮޅެތި ކުޅުންތެރިން މާޒިޔާ އަދި ކުލަބް އީގަލްސްއިން އެވަނީ ގެނެސްފަ. އެއްވެސް މެޗެއް ނުކުޅެ ރާއްޖޭގެ ޓީމްތައް މިމެޗާއި ކުރިމަތިލާއިރު، ރާއްޖެ ނޫން އެހެން ހުރިހާ ގައުމެއްގައިވެސް ލީގްތައް ފެށިގެން ކުރިއަށް އެބަދޭ. އެހެން ޓީމްތަކަށް ވާދަވެރި މެޗްތައްވެސް ކުޅެން އެބަލިބޭ. ކޮންމެ ގޮތެއްވިއަސް ވާދަވެރި މެޗް ކުޅެފައި އަންނަ ޓީމަކާއި ހަމައެކަނި ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައި އޮންނަ ޓީމެއް ވަރަށް ބޮޑަށް ތަފާތުވާނެ. އަޅުގަނޑު ގަބޫލް ކުރަނީ ރައްކާތެރިކަމުގެ ފިޔަވަޅާއެކު، ޚާއްސަ ގޮތަކަށް ބަލައިގެން ލީގް ފެށެންޖެހޭނެކަމަށް." މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.

މުޅި ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް މިހާރު ލީގްތައް ފެށިގެން ކުރިއަށްދާއިރު، ރާއްޖޭގައިވެސް ލީގް ވީހާވެސް އަވަހަކަށް ފެށުމަކީ ކުރެވޭ ވަރަށް ބޮޑު އުއްމީދެއްކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވިއެވެ.

މިނިސްޓަރ މަހުފޫލްވަނީ ކޯވިޑްގެ މިހާލަތުގައި އެޗްޕީއޭއެއިންނާއި ޑޮކްޓަރުންނާއި ނަރުހުން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.

އޭއެފްސީ ކަޕްގެ ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ތިންޕޫ ސީޓީއާ ވާދަކުރާ މެޗުން ކުލަބް އީގަލްސް މޮޅުވެއްޖެނަމަ، އެޓީމް ޕްރިލިމިނަރީ ދެވަނަ ބުރުގައި ވާދަކުރާނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އަދި މިމެޗުން ކުލަބް އީގަލްސް ކުރި ހޯދައިފިނަމަ، ޕްލޭއޯފް ބުރުގައި އީގަލްސް ވާދަކުރާނެކަމަށް އެންމެ ބޮޑަށް ލަފާކުރެވެނީ އިންޑިޔާގެ ބެންގަލޫރު އެފްސީއާއެވެ. އޭއެފްސީ ކަޕްގައި ދެކުނު އޭޝިޔާއަށް ޚާއްސަ ގުރޫޕް ޑީގެ މެޗްތައް ކުޅުމަށް ރާއްޖެއިން ހުށައެޅި ބިޑް ކާމިޔާބުކޮށް، މިހާރު ގުރޫޕް ޑީގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ. މާޒިޔާގެ އިތުރުން ދެން މި ގުރޫޕްގައި ހިމެނެނީ ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާންއެވެ. ގުރޫޕްގެ ފަހު ޖާގަ ޔަގީންވާނީ ކޮލިފައިންގެ މެޗްތައް ނިމުމުންނެވެ.