ކުޅިވަރު

ހޮންކޮންގ ޓީމް މާލެ އަންނާކަށް ބޭނުމެއްނޫން


ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު
އިޢުލާންކޮށްފައިވާތީ ވޯލްޑްކަޕް ކޮލިފައިންގައި މާލޭގައި ކުޅުމަށް ހަމަޖެހިފައިވާ
މެޗަށް މާލެ އަންނަން ބޭނުންނުވާކަމަށް ހޮންކޮންގ ފުޓްބޯޅަ
އެސޯސިއޭޝަނުން ބުނެފިއެވެ.

 ހޮންކޮންގ ފުޓްބޯޅަ އެސޯސިއޭޝަނުން މިހެން
ބުނެފައިވަނީ އެޤައުމުގެ މޯނިން ޕޯސްޓްއާ ވާހަކަދައްކަމުންނެވެ. ހޮންކޮންގ އެސޯސިއޭޝަނުން ބުނީ ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެއާއި ހޮންކޮގްއާއި ވާދަކުރުމަށް ހަމަޖެހިފައިވާ މެޗް ހޮންކޮންގްއަށް ބަދަލުކުރުމަށް އެދޭކަމަށެވެ.
ހޮންކޮންގ އެސޯސިއޭޝަންގެ ޗެއަރމަން ބްރިއަން ލޫން ހުން ޓަކް ވިދާޅުވީ ކޮންމެ
ގޮތަކަށް ބެލިކަމުގައިވީނަމަވެސް ކުޅުންތެރިންގެ ސަލާމަތަށް ވަރަށް ބޮޑަށް
ވިސްނަންޖެހޭކަމަށެވެ. އަދި ޤައުމީ ޓީމްގެ ކުޅުންތެރިން ރާއްޖެ ދިއުމަށްވެސް ދެކޮޅު
ހަދާކަމަށެވެ. މިކަމާ ގުޅޭގޮތުން ގޮތުން ފީފާއާއި މަޝްވަރާ ކުރާނެކަމަށާ، މިއަހަރުގެ
ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެ މިހާރުވެސް ވަނީ ހޯމް ގޭމެއް
އެހެން ޤައުމެއްގައި ކުޅެފައިކަމަށްވެސް ބްރިއަން ލޫން ހުން ޓަކް ވިދާޅުވިއެވެ. އެއީ
ރާއްޖެއާއި ޗައިނާ މާލޭގައި ކުޅެން ހަމަޖެހިފައި އޮތް މެޗެވެ. 

މިމަހުގެ ބާރަވަނަ ދުވަހު
ވޯލްޑްކަަޕް ކޮލިފައިންގައި ރާއްޖޭގެއާއި ހޮންކޮންގް ކުޅުމަށް ހަމަޖެހިފައިވާ މެޗު އެހެން ޤައުމަކަށް ބަދަލުކޮށްފިނަމަ، ހޯމްގައި ރާއްޖެއަށް ދެން ކުޅެން ލިބޭނީ
އެންމެ މެޗެކެވެ. އެއީ މިއަންނަ އަހަރު މާޗް 29 ގައި ބޫޓާނާއި ވާދަކުރުމަށް
ހަމަޖެހިފައވާ މެޗެވެ.

 ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައިވުމުން އުރީދޫ
ދިވެހި ޕްރިމިއަރ ލީގުވެސް ވަނީ ވަކިމުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ. 

ވަރލްޑްކަޕް ކޮލިފައިންގައި ޤަތަރާއި ވާދަކޮށް، މާލޭގައި ކުޅުނު މެޗުން 1-0 ން ބަލިވިއިރު، އެ ޤައުމުގައި
ގަތަރު މޮޅުވީ 4-0 ނެވެ. ޗައިނާ އަތުން 3-0 ން ބަލިވިއިރު ހޮންކޮންގ އަތުން 2-0 ން
ރާއްޖެ ވަނީ ބަލިވެފައެވެ.  



ރާއްޖޭ ހިމެނޭ ގުރޫޕް ސީގެ އެއް
ވަނައިގައި ޤަތަރު އޮތީ 5 މެޗުން 15 ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި ހޮންގްކޮންގ 10 ޕޮއިންޓާ އެކު އޮތްއިރު، 4 މެޗުން ޗައިނާ އަށް ލިބިފައި ވަނީ
7 ޕޮއިންޓްއެވެ.  
ރާއްޖެ ހަތަރު ވަނައިގައި އޮތީ ފަސް މެޗުން ތިން ޕޮއިންޓް ލިބިގެންނެވެ. މިގްރޫޕް  އެންމެ ފުލުގައި އޮތް ބޫޓާނަށް އަދި ޕޮއިންޓެއް ނުލިބެއެވެ.