ޚަބަރު

ތޮއްޑޫ އައު އިންޖީނުގޭގެ ބިންގާ އަޅައިފި


އއ.ތޮއްޑޫގައި 5 މެގަވޮޓްގެ ކެޕޭސިޓީ ބިލްޑް ކުރެވޭ ވަރުގެ ޒަމާނީ އައު އިންޖީނުގެއެއްގެ ބިންގާ އަޅައިފިއެވެ.

ތޮއްޑޫގައި ސްޓެލްކޯއިން އަލަށް އަޅާ އިންޖީނުގެއަކީ ޒަމާނީ ފަސޭހަތަކާއެކު، ޒަމާނުއްސުރެ އިންޖީނުގެތަކާއި މެދު ދެކެމުން އައި ގޮތް ބަދަލުކޮށްލާ، ރަށުގެ ރީތި ނަލަ ލޭންޑް މާކަކަށް ވާގޮތަށް، ކަސްޓަމަރ ސަރވިސް އިމާރާތަކާއެކު އަޅާ އިންޖީނުގެއެކެވެ. އެ އިމާރާތުގެ އެންމެ ތިރީބައި ކަސްޓަމަރުންނަށް ޚިދުމަތްދޭން ޚާއްސަކޮށްފައިވާއިރު، ފުރަތަމަ ފަންގިފިލާ ޚާއްސަވަނީ މުވައްޒަފުންނަށް ޓްރެއިނިން ދިނުމަށާއި މީޓިންތަކަށް ކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

ސްޓެލްކޯއިން ވިދާޅުވީ ކޯވިޑްގައި ކުރެވުނު ތަޖުރިބާގެ އަލީގައި ދެވަނަ ފަންގިފިލާ ޑިޒައިންކޮށްފައިވަނީ، އެފަދަ ކާރިސާގެ ހާލަތެއް މެދުވެރިވެއްޖެނަމަ މުވައްޒަފުންނަށް ލޮކްޑައުންވެގެން ތިބެވޭނެ ފަދަ ގޮތަކަށްކަމަށެވެ. މީގެ އިތުރުން އިންޖީނުގެ އަކީ އަޑުމަޑު ތަނަކަށް ހެދުމަށް ނިންމާފައިވާއިރު، ތިމާވެއްޓާއި ރަށްޓެހި ތަނަކަށް ހެދުމަށްޓަކައި، ސޯލާ ޕެނަލްތައް އެ އިމާރާތުގައި ހަރުކުރުމަށް ވަނީ ނިންމާފައެވެ. އަދި މުޅި އިންޖީނުގެވެސް ހެދޭނީ މަސައްކަތް ކުރަން ރައްކާތެރިތަނެއްގެ ގޮތުގައި ކަމަށް އެކުންފުނިން ވިދާޅުވެއެވެ.

މާލެއާއި އެއްހަމައެއްގައި ރަށްރަށުގައި ޚިދުމަތް ދިނުމަށްޓަކައި ތަފާތު އައު ވިސްނުންތަކެއް ސްޓެލްކޯއިން އަބަދުވެސް އަންނަނީ ގެންގުޅެމުންނެވެ. ދަނޑުވެރިކަމަށް މުޅި ރާއްޖެއަށްވެސް މަޝްހޫރު ތޮއްޑޫގެ ކަރަންޓުގެ ޚިދުމަތާއި، ސްޓެލްކޯއިން ހަވާލުވިއިރު އެ ރަށުގެ ކުލަބު ޖަމިއްޔާ ފޯރީގައި، ދެ ޖަމިއްޔާއަކުން އައީ ދެ އިންޖީނުގެއާއި، ދެ ޑިސްޓްރިބިއުޝަން ވިއުގައެއް ހިންގަމުންނެވެ. އޭރުގެ ވިސްނުމާއި އެއްގޮތަށް ރަށުތެރޭގައި އާންމުން ދިރިއުޅޭ ހިސާބުތަކުގައި މި އިންޖީނުގެތައް ހުރުމާއެކު، ވަރަށް ބޮޑެތި އުނދަގޫތަކެއް ތޮއްޑޫގެ ރައްޔިތުން އައީ އެދުވަސްވަރު ތަހައްމަލްކުރަމުންނެވެ.

ސްޓެލްކޯއިން އެރަށުގެ ކަރަންޓުގެ ޚިދުމަތާއި ހަވާލުވެ، ފުރަތަމަވެސް އެރަށުގެ އާންމުން ދިރިއުޅެމުން އައި ސަރަހައްދުތަކާއި އެންމެ މަގަތުގައި ހުރި އިންޖީނުގެ އުވާލިއެވެ. އަދި ދެވަނައަށް ހިންގަމުން އައި އިންޖީނުގެ އެހެން ތަނަކަށް ބަދަލުކޮށް، އައީ ޚިދުމަތް ދެމުންނެވެ. އެއާއެކު، ސްޓެލްކޯއިން އައީ ރައްޔިތުންނާއި ވީހާވެސް ދުރުގައި، އައު އިންޖީނުގެއެއް އެޅުމަށްޓަކައި ބިމެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ. މިހާރު މިވަނީ އިންޖިނުގެ އެޅުމަށްޓަކައި ބިން ހަމަޖެހި މިހާރު ތޮއްޑޫގެ ޚިދުމަތްދެމުންގެންދާ 810 ކިލޯވޮޓްގެ އިންޖީނުގޭގެ ބަދަލުގައި މުސްތަގުބަލުގައި ރަށަށް އަންނާނެ ކުރިއެރުމާއި، ތަރައްގީއަށް އަދި ދުރު މުސްތަގުބަލަށް ވިސްނާ، 5 މެގަވޮޓްގެ ކެޕޭސިޓީ ބިލްޑް ކުރެވޭ ވަރުގެ ޒަމާނީ އައު އިންޖީނުގެއެއް އެޅުމުގެ މަސައްކަތްވަނީ ފަށާފައެވެ.