ސިޔާސީ

ކުއްލި ނުރައްކަލުގެ ގަރާރަށް ބަހުސް ކުރަން ފާސްކޮށްފި


ކުއްލި ނުރައްކަލުގެ
ހާލަތު ރާއްޖޭގައި އިއުލާންކޮށްފައިވާތީ، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ
މަޖިލީހަށް ފޮނުއްވާފައިވާ ގަރާރަށް ބަހުސްކުރުން އެގާރަ ޖަހާއިރު ފަށާގޮތަށް
މަޖިލީހުން ފާސްކޮށްފި. ކުއްލި ނުރައްކަލުގެ ހާލަތުގެ
ގަރާރާ މެދު އަމަލުކުރުމަށް މަޖިލީހުގެ ގަވާއިދުގައި ވަކި ގޮތަކަށް ބަޔާންކޮށްފައި
ނެތުމުން ރިޔާސަތުންވަނީ 11 ޖަހާއިރު  ބަހުސް ފެށުމާމެދު ގޮތެއްނިންމުމަށް ވޯޓަށް
އަހާފައި. އަދި އެގޮތަށް ފާސްވީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން ސާޅިސް
ނުވަ މެންބަރުންގެ އަޣްލަބިއްޔަތުން.
މިވޯޓަށް ތިން މެމްބަރަކު ތާއިދުކޮށްފައެއްނުވޭ. މި ގޮތަށް ފާސްވުމާ ގުޅިގެން
މި ގަރާރުގެ ބަހުސް ފެށޭނީ މިއަދު ހެނދުނު 11 ޖަހާއިރު. އެވަގުތާއި ހަމައަށް
މެންބަރުންނަށް ވަނީ ހުސް ވަގުތުކޮޅެއް ދީ ޖަލްސާ މެދުކަނޑާލާފައި. ގާނޫނުއަސާސީގެ 257 ވަނަ މާއްދާގައި
ބުނެފައިވަނީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ނެރޭ ގަރާރު، 48
ގަޑިއިރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅައި ފާސްކުރަންވާނެކަމަށް. އެގޮތުން މަޖިލީހުން
ބޭނުން ނަމަ، ގަރާރު އެކުގައި ނުވަތަ ގަރާރުގެ ވަކި ބައެއް ފާސްކުރެވިދާނެކަމަށްވެސް
ބުނެފައިވޭ. އަދި މަޖިލީހުން ބޭނުން ނަމަ އެ ގަރާރު ބާތިލު ވެސް ކުރެވިދާނެކަމަށްވެސް
ގާނޫނު އަސާސީގައި ބުނެފައިވޭ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ
އިއްޔެ މެންދުރު ބާރައިން ފެށިގެން ތިރީސް ދުވަހުގެ މުއްދަތައް.