ކުޅިވަރު

ވޮޝިންގޓަން ވިޒަޑްސް އާއި ޔޫޓާ ޖޭޒް ބައްދަލުކުރިމެޗް ވިޒަޑްސް ކާމިޔާބުކޮށްފި


އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި ވޮޝިންގޓަން ވިޒަޑްސްއާއި ޔޫޓާ ޖޭޒް ބައްދަލުކުރިމެޗް ވިޒަޑްސް ކާމިޔާބުކޮށްފިއެވެ. މިމެޗް ވިޒަޑްސް ކާމިޔާބުކުރީ 131 ޕޮއިންޓް 122 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ވިޒަޑްސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ އެޓީމަށް 43 ޕޮއިންޓް ހޯދާދިން ބްރެޑްލީ ބީލްއެވެ. އަދި ރަސެލް ވެސްޓްވުޑްވަނީ އެޓީމަށް 35 ޕޮއިންޓް ހޯދައިދީ 15 ރީބައުންޑް ނަގާ 13 އެސިސްޓް ކޮށް، މިސީޒަންގައި 13 ވަނަ ޓްރިޕްލް ޑަބަލް ހަދާފައެވެ. މިމެޗްގައި ޖޭޒްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 42 ޕޮއިންޓް ހޯދައިދިން ޑޮނޮވަން މިޝޭލްއެވެ.

މިމުބާރާތުގައި އެޓްލާންޓާ ހޯކްސް އާއި އޮކްލޮހޯމާ ސިޓީ ތަންޑަރ ބައްދަލުކުރިމެޗް 116 ޕޮއިންޓް 93 ޕޮއިންޓުން ކާމިޔާބުކުރީ ހޯކްސްއެވެ. މިމެޗްގައި ހޯކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 23 ޕޮއިންޓް ހޯދައިދީ 9 އެސިސްޓް ދިން ޓްރެއި ޔަންގްއެވެ. އަދި ތަންޑަރއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 19 ޕޮއިންޓް ހޯދާދިން ޝައި ގިލްގިއަސް އެލެގްޒެންޑަރއެވެ. މީގެއިތުރުން ނިއުޔޯކް ނިކްސް އާއި އޯލާންޑޯ މެޖިކް ބައްދަލުކުރިމެޗް 94 ޕޮއިންޓް 93 ޕޮއިންޓްގެ ކުޑަތަފާތަކުން ކާމިޔާބުކުރީ ނިކްސްއެވެ. މިމެޗްގައި ނިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 18 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގާ 17 އެސިސްޓް ދިން ޖޫލިއަސް ރެންޑްލްއެވެ. އަދި މެޖިކްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 17 ޕޮއިންޓް ހޯދައިދީ 16 ރީބައުންޑް ނެގި ނިކޮލާ ވުސެވިޗްއެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ލޮސް އެންޖަލިސް ލޭކަރސް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރިމެޗް 116 ޕޮއިންޓް 105 ޕޮއިންޓުން ކާމިޔާބުކުރީ ލޭކަރސްއެވެ. އަދި މިނެސޯޓާ ޓިމްބަރވިލްވްސް އާއި ފީނިކްސް ސަންސް ބައްދަލުކުރިމެޗް 123 ޕޮއިންޓް 119 ޕޮއިންޓުން ކާމިޔާބުކުރީ ޓިމްބަރވުލްވްސްއެވެ.