ކުޅިވަރު

ޔޫރޮޕާ ލީގުގެ ކްއާޓަރ ފައިނަލަށް މެންޗެސްޓަރ ޔުނައިޓެޑް


ޔުއޭފާ ޔޫރޮޕާ ލީގުގެ ކްއާޓަރ ފައިނަލުން މެންޗެސްޓަރ ޔުނައިޓެޑް ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ކްއާޓަރ ފައިނަލުން ޔުނައިޓެޑް ޖާގަހޯދީ ފަހު ސޯޅަ ޓީމްގެ ބުރުގައި އޭ.ސީ. މިލާނާއި ދެކޮޅަށް ކުޅުނު ދެ ލެގްގެ މެޗް 2 ލަނޑު އެއްލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް އެއްލަނޑު އެއްލަނޑުން އެއްވަރުވެފައިވަނިކޮށް ރޭ ކުޅުނު ދެވަނަ ލެގް ޔުނައިޓެޑްވަނީ އެއްލަނޑު ސުންލަނޑުން ކާމިޔާބުކޮށްފައެވެ. މިލާންގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގްގައި ދެޓީމްގެ ފަރާތުން ވަރަށް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ހާފްގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މިމެޗްގެ ހަމައެކަނި ލަނޑު މެޗްގެ 48 ވަނަ މިނެޓްގައި ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރުމަށްފަހު އެނބުރި އައިސް މިމެޗްގެ ދެވަނަ ހާފްގައި ކުޅެން އެރި ޕޯލް ޕޮގްބާއެވެ. މިމެޗްގައި މިލާނަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް ޔުނައިޓެޑްގެ ކީޕަރ ޑީން ހެންޑަރސަންވަނީ ވަރަށް ހުޝިޔާރުކަމާއެކު އެހަމަލާތަށް ދިފާއުކޮށްފައެވެ.

މިކާމިޔާބީއާއެކު ޔުނައިޓެޑަށް މިވަނީ މި މުބާރާޔުގެ ކްއާޓަރ ފައިނަލުން ޖާގަލިބިފައެވެ. މިސީޒަންގައި ލީގުގައި މޮޅު ކުޅުމެއް ކުރިން ދައްކަމުން ދިޔަ ނަމަވެސް އަނިޔާގެ ގިނަ މައްސަލަތަކެއް މިހާރު ދިމާވެފައިވާ މިލާނަށް ފަހަކަށް އައިސް މާ ރަނގަޅު ނަތީޖާތަކެއް ހޯދެމަކުން ނުދެއެވެ.