ޚަބަރު

"މިއަހަރުގެ ނިޔަލަށް 3000 ޒުވާނުން ތަމްރީނުކޮށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމަކީ އަމާޒެއް"


މިއަހަރުގެ ނިޔަލަށް 3000 ޒުވާނުން ތަމްރީނުކޮށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. މިއަމާޒަށް ވާޞިލްވުމަށްތަކައި ކުރަންޖެހޭ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ސަރުކާރު ޙިއްސާވާ ކުންފުނިތަކާ، ޔޫތް މިނިސްޓަރާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވަނީ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް، ކޮމިއުނިޓީ އެންޑް އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފާއި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ވަނީ ޒުވާނުންނަށް ބޭނުންވާ ތަމްރީނު ދިނުމާއެކު ފުދުންތެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމުގެ މުހިންމުކަމާމެދު ވާހަކަފުޅުދައްކަވާފައެވެ.

މިބައްދަލުވުމަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ޒުވާނުންގެ ތެރެއިން ހަވާސާވެފައިވާ މީހުންނައި ޖުމްލަކޮށް ދެޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން ތަފާތު ހުނަރުތަށް ދަސްކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމާ ގުޅިގެން ބޭއްވި ބައްދަލުވުމުކެވެ. ސަރުކާރުގެ އަމާޒަކީ ޒުވާނުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އަހުލުވެރި ކުރުވައި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިކޮށްދީ، ވަޒީފާގެ ބާޒާރަށް ނުކުތުމަށް ބާރުއަޅައި މިފަދަ ޒުވާނުންނަކީ ޤައުމުގެ އިޤްތިޞާދީ ތަރައްޤީއާއި އިޖްތިމާއީ ހަމަޖެހުމަށް މަސައްކަތް ކުރާ ބަޔަކަށް ހެދުންކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މި އަމާޒަށް ވާސިލްވުމަށްޓަކައި ސަރުކާރުން ވަނީ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ތަޢާރަފްކޮށްފައެވެ. ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް، ކޮމިއުނިޓީ އެންޑް އެމްޕަވަރމަންޓާއި ޓިވެޓް އެތޯރިޓީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން ގުޅިގެންނެވެ.

މިބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ސަރުކާރު ހިއްސާވާ 24 ކުންފުންޏެއްގެ ބައިވެރިވުމާއެކުއެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް މެދުވެރިކޮށް ޓިވެޓް އޮތޯރިޓީއިން ނެޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑްތައް ތައްޔާރު ކޮށްފައިވާ 56 ދާއިރާ އަކުން ޒުވާނުން ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފައިވެއެވެ. މިޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަން ފްރޭމްވާރކްގެ ލެވެލް 3 އަށް ފެތޭ ސަނަދެއް ލިބިގެންދާނެއެވެ. މިޕްރޮގްރާމްގެ އަމާޒަކީ ދިވެހި ޒުވާނުންނަކީ އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަސައްކަތް ކުރާ، ޒިންމާދާރު، ހަރުދަނާ ބަޔަކަށް ހެދުމެވެ.