ޚަބަރު

ލޯނުގެ އެޕްލިކޭޝަންތައް ވަޒަންކުރާނީ ތެދުވެރިކަމާއި އިޚުލާޞްތެރިކަމާއިއެކު: މިނިސްޓަރ


މަތީ ތަޢުލީމާއި ތަމްރީން ހޯދުމަށް ސަރުކާރުން ދޫކުރާ ލޯނަށް އެދުމުގެ ފުރުޞަތު މިފަހަރު ހުޅުވާލުމުން 1000އަށް ވުރެ ގިނަ ދަރިވަރުން އެޕްލިކޭޝަން ހުށައަޅާފައިވާ ކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ވިދާޅުވެއްޖެއެވެ. މިހާތަނަށް ހުޅުވާލި އެންމެ ބޮޑު ލޯނު ސްކީމުގެ ފުރުސަތަށް ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ މަހުގެ 11 ވަނަ ދުވަހުގައެވެ. އަދި މިމަހުގެ 4 ވަނަ ދުވަހަށް ލޯނަށް އެދުމުގެ މުއްދަތު ހަމަވިއިރު 1176 ފަރާތުން އެޕްލިކޭޝަން ހުށައަޅާފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހިމް ހަސަން ވިދާޅުވިއެވެ.

މިއަހަރުގެ ސްޓޫޑެންޓް ލޯން ލިބޭ ދަރިވަރުން އިޢުލާން ކުރާނީ ވަގުތީ ލިސްޓެއް އާއްމުކޮށް އެ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހަފްތާއެއްގެ މުއްދަތު ދިނުމަށްފަހު ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާޙިމް ޙަސަން ވަނީ ވިދާޅުވެފައެވެ. މިފަހަރު ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލުމާއެކު 1176 ފަރާތަކުން ވަނީ އެކަމަށް އެދިފައެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވަނީ ލޯނަށް ހުށަހެޅި އެޕްލިކޭޝަންތައް ވަޒަން ކުރާނީ ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކުގައިކަމަށެވެ. އަދި ލޯން ދޫކުރާ އުޞުލާ އެއްގޮތަށް އެއްވެސް ސިޔާސީ ނުފޫޒެއް ނެތި ޝަރުތު ހަމަވާ ފަރާތްތަކަށް ލޯން ދޫކުރާނެކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ މިހާރު އެޕްލިކޭޝަންތައް ވަޒަންކުރުމުގެ މަސައްކަތްކުރަމުންނެވެ.

މަތީ ތަޢުލީމާއި ތަމްރީން ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން މި ފަހަރު ހުޅުވާލި ލޯނުގެ ފުރުޞަތަކީ މިހާތަނަށް ހުޅުވާލި އެންމެ ބޮޑު ލޯން ސްކީމެވެ. މިގޮތުން ގައުމަށް އެންމެ ބޭނުންވާ ދާއިރާތަކުން ޒުވާނުން ތަމްރީނުވުމަށް ހުޅުވާލި ލޯން ސްކީމު 770 ފަރާތަކަށް ދިނުމަށް މިފަހަރު ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ މިހާރު ކިޔަވަމުންދާ ކުދިންނަށް ޚާއްސަކޮށްފައިވާ 471 ޖާގައާއި، އަލަށް ކިޔަވަން ފަށާ ކުދިންނަށް ޚާއްސަކޮށްފައިވާ 290 ޖާގައެވެ.

މިފަހަރުގެ ލޯން ސްކީމުގައިވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް ޖާގަ ހަމަޖައްސާފައެވެ. މީގެ އިތުރުން ކިޔަވާ ދަރިވަރުން ކުރަންޖެހޭ އެހެނިހެން ޚަރަދުތައް ކުރުމަށްވެސް މިފަހަރުގެ ލޯން ސްކީމްގެ ތެރެއިން ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި ތައުލީމު ހާސިލްކުރެވޭ ބައެއް ދާއިރާތަކަށް ރާއްޖެއިން ބޭރަށް ގޮސްގެން ކިޔެވުމުގެ ފުރުސަތުވެސް ލޯން ސްކީމުން މި ފަހަރު ލިބެއެވެ. އޭގެ ތެރޭގައި ޕައިލެޓްކަމާއި އެމްބީބީއެސް ހިމެނެއެވެ. އަދި މިއަހަރުގެ ލޯން ސްކީމްގައި ޕޯސްޓް ގްރެޖުއޭޓް މެޑިސިންއަށް 20 ޖާގަ ވަނީ ޚާއްސަކޮށްފައެވެ.

މަތީ ތަޢުލީމާއި ތަމްރީންތައް ފޯރުކޮށްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ގެންދަވަނީ ކުރައްވަމުންނެވެ. ކޯވިޑާއި ގުޅިގެން އިޤްތިޞާދަށް އައި ހީނަރު ކަމުގައިވެސް ކިޔެވުމުގެ ފުރުޞަތުތައް ހުއްޓުމަކަށް އަޔަ ނުދީ ސަރުކާރުން ގެންދަވަނީ އެކަމަށް ބޭނުންވާ ކަންކަން ފަހިކޮށްދެއްވަމުންނެވެ. އެގޮތުން ސްކޮލަރޝިޕްތައް ފޯރުކޮށްދިނުމާއި ހިލޭ ޑިގްރީ ޕްރޮގްރާމަށް ދަރިވަރުންނަށް ފައިސާ ދޫކޮށްފައިވެއެވެ. މަތީ ތަޢުލީމާއި ތަމްރީން ހޯދަން ދޫކުރާ ލޯނުގެ އެހީގައި 1000އަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމް ހާސިލްކުރަމުން އަންނައިރު މިދިޔަ އަހަރުގެ ތެރޭގައި އެކުދިންނަށް ވަނީ 566 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ.