ކުޅިވަރު

ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލަށް ޗެލްސީ


ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުން ޗެލްސީ ޖާގަހޯދައިފިއެވެ. މި މުބާރާތުގެ ކުއާޓަރ ފައިނަލުން ޗެލްސީ ޖާގަހޯދީ ފަހު 16 ޓީމްގެ ބުރުގައި ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލްގެ އެއްވަނައިގައި އުޅޭ އެޓްލެޓިކޯ މެޑްރިޑާއި ބައްދަލުކުރި ދެ ލެގުގެ މެޗް 3 ލަނޑު ސުންލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މިދެޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގް އެއްލަނޑު ސުންލަނޑުން ޗެލްސީ ކާމިޔާބުކުރިއިރު ރޭ ކުޅުނު ދެވަނަ ލެގް ޗެލްސީ ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ. ޗެލްސީގެ ފަރާތުން ރޭގެ މެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެޓްލެޓިކޯގެ ފަރާތުން މާރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ. ޗެލްސީއިން ގިނައިރު ބޯޅަ ގެން ގުޅެ ގިނަ ހަމަލާ އުފެއްދި މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 34 ވަނަ މިނެޓްގައި ޖަހައިދިނީ ޗެލްސީގެ ހަކީމް ޒިޔެކްއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހައިދިނީ އެމަރސަންއެވެ. މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ޗެލްސީއަށް ލިބިގެންދިޔައެވެ. މެޗްގެ 81 ވަނަ މިނެޓްގައި އެޓްލެޓިކޯގެ ޑިފެންޑަރ ސްޓެފަން ސެވިޗްގެ އުޅަނބޮށިން ޗެލްސީގެ އެންޓޯނިއޯ ރުޑިގަރގެ ގައިގާ ޖެހުމުގެ ސަބަބުން ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

މިކާމިޔާބީއާއެކު ޗެލްސީ މިވަނީ ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުން ޖާގަހޯދާފައެވެ. މި މުބާރާތުގެ ކުއާޓަރ ފައިނަލްގައި ޗެލްސީއާއި ބައްދަލުކުރާނެ ޓީމެއް މާދަމާ ބެއްވުމަށް ހަމަޖެހިފައިވާ ކުއާޓަރ ފައިނަލްގެ ގުރުއަތުލުމުން އެނގޭނެއެވެ.