މިވަގުތު ރާއްޖޭގައި ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށިއޮތީ ހަމައެކަނި 30 ރަށުގައިކަމަށާ، އެރަށްރަށުގެ މަސައްކަތް ވަރަށްއަވަހަށް ފަށްޓަވާނެކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
34 ރަށުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުއްގައި ވާހަކަފުޅުދައްކަވަމުން ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ ފެނާއި ނަރުދަމާގެ ޚިދުމަތަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި ކަނޑައަޅައި ހުރިހާ ރަށްރަށަކަށް ހަމަހަމަކަމާއެކު ޚިދުމަތް ދިނުމަކީ ސަރުކާރުގެ ވަޢުދެއްކަމަށެވެ. މި އަމާޒަށް ވާސިލުވުމަށް މިހާތަނަށްވެސް ބޮޑެތި ގިނަ މަސައްކަތްތަކެއް ކާމިޔާބުކަމާއެކު ކުރެވިފައިވާކަމަށް ވިދާޅުވިއެވެ. މިނިސްޓަރ އަސްލަމް ވިދާޅުވި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް މިވަގުތުވެސް 110 ރަށުގައި ކުރިއަށްދާކަމަށެވެ.
ވޭތުވެދިޔަ 2 އަހަރަށް ބަލާއިރު، ފަށާފައިވާ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތްތަކުގެ ޖުމްލަ އަގު 4.9 ބިލިއަން ރުފިޔާއަށް އަރާކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. އަލަށް ސޮއިކުރި 34 ރަށުގެ މަޝްރޫޢުއަކީވެސް 1.69 ބިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
މިނިސްޓަރ ވިދާޅުވީ މަސައްކަތް މިހާތަނަށް ނުފެށިވަނީ މަދު ރަށްތަކެއްގައިކަމަށެވެ. ނަމަވެސް މި ރަށްތަކުގެ ޢަމަލީ މަސައްކަތް ބަޔަކާ ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެކި މަރުޙަލާތަކުގައި ކުރިއަށްދާކަމަށް ވިދާޅުވިއެވެ.
"110 ރަށުގައި މަސައްކަތް އެބަ ކުރިއަށްދޭ. މީގެން މި ފެންނަނީ މި ޚިދުމަތް ރަށްތަކަށް ފޯރުކޮށްދޭން ސަރުކާރުން ބައިވެރިވެފައިވާ މިންވަރު. މަސައްކަތް ނުފެށި އޮތީ 30ރަށުގައި އެކަނި. މީގެތެރެއިން 14ރަށުގެ ބިޑް މިއަދު ސަބްމިޓް ކުރާނެ. އަނެއް 11ރަށުގެ ބިޑް ސަބްމިޝަން މިމަހުގެ 23ގައި އޮންނާނެ. ދެން އޮތް 5ރަށުގެ އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރާނަން." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރަށްރަށުގެ ފެނުގެ ނިޒާމު ތަޢައްޔަރުވެ، އެކަމުގެ އުނދަގުލުގައި ރައްޔިތުން އުޅޭތާ އެތަށް ދުވަހެއް ވެއްޖެކަމަށެވެ. އެކި ސަރުކާރުތަކުން މި މައްސަލައަށް ޙައްލު ހޯދުމަށް މަސައްކަތްކުރިނަމަވެސް، އެކަށީގެން ޙައްލެއް ލިބުމާ ގާތަށް ދެވިފައި ނުވާކަމަށް އަސްލަމް ވިދާޅުވިއެވެ.
ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ހަވާލުކުރަނީ ގިނަވެގެން 2އަހަރާ 2މަސްދުވަހުން ނިންމާގޮތަށެވެ. މިނިސްޓަރ ވިދާޅުވީ ސަރުކާރުން ވަޢުދުވެފައިވާގޮތަށް މިދަޢުރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށްތަކުގައި ފެނާ ނަރުދަމާ ޤާއިމުކުރުމަށް ވީ ވަޢުދަށް ވާސިލްވެވޭނެކަމަށެވެ.