ޚަބަރު

ރާއްޖޭގެ ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމާ ގާތަށް


ރާއްޖޭގެ 16 އަތޮޅެއްގެ 34 ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް، ކޮންޓްރެކްޓަރުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި 34ރަށުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 1.69ބިލިއަން ބިލިޔަން ރުފިޔާއަށެވެ. މި 34 ރަށާއެކު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތް މުޅިން ފުރިހަމަވުމާ ގާތަށް އައީއެވެ. މިހާރު ފެނާއި ނަރުދަމާގެ މަޝްރޫޢު ނުފެށި ބާކީ އޮތީ 30 ރަށެވެ.

އިތުރު 34 ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ މަސައްކަތަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލޯނު އެހީގައި ދަށުން ކުރިއަށްގެންދާ މަޝްރޫޢުތަކެކެވެ. މިއީ 2018ވަނަ އަހަރު ރާއްޖެއާ އިންޑިއާއާ ދެމެދު ޤާއިމުކުރި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ކުރިއަށްގެންދާ ދެވަނަ މަޝްރޫޢުއެވެ.

ފެނާއި ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ކުރިއަށްގެންދިއުމަށް ޙަވާލުކޮށްފައިވަނީ އިންޑިއާގެ 4 ކުންފުންޏަކާއެވެ.

އިންޑިއާގެ ވިޝްވަރާޖް އެންވިރޮންމެންޓް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވަނީ ހއ.ކެލާގައި ފެނުގެ ނިޒާމު ޤާއިމުކުރުމާ، ހދ.ވައިކަރަދޫގައި ފެނާ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތާ ށ.ޅައިމަގުގައި ފެނާ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް، ހއ.ބާރަށުގައި ފެނުގެ ނިޒާމު ޤާއިމުކުރުމާއި ށ.ފުނަދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުމާ، ނ.މަނަދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްތަކެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 20 މަސްދުވަހާއި 26 މަސްދުވަހާއި ދެމެދުގެ މުއްދަތެއްގައި މަސައްކަތް ނިންމާގޮތަށެވެ. މި 6 ރަށުގެ މަސައްކަތަށް 18،489،229.90 ޑޮލަރު ހޭދަވެއެވެ.

ޖޭ.އެމް.ސީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ ޅ.ކުރެންދޫ ފެނުގެ ނިޒާމު ޤާއިމުކުރުމާއި ކ.ގާފަރު ފެނާ ނަރުދަމާ ނިޒާމު ޤާއިމުކުރުމާއި ކ.ކާށިދޫ ފެނުގެ ނިޒާމު ޤާއިމުކުރުމާއި އއ.ތޮއްޑޫގެ ނަރުދަމާ ނިޒާމު ޤާއިމުކުރުމާ އއ.މާޅޮހުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތެވެ. މިރަށްރަށުގެ މަސައްކަތް ނިންމަންޖެހެނީ 20 މަސްދުވަހާއި 26 މަސްދުވަހާ ދެމެދުގެ މުއްދަތުގައެވެ. މި 5 ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތަށް 13،850،759.24 މިލިއަން ޑޮލަރު ހޭދަވެއެވެ.

ޖޭ.އެމް.ސީ ޕްރައިވެޓް ލިމިޓެޑާ އިތުރަށް ހަވާލުކޮށްފައިވަނީ އދ.ދަނގެތީގައި ނަރުދަމާ ނިޒާމު ޤާއިމުކުރުމާއި އދ.ދިގުރަށުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމާއި ވ.ފުލިދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމާއި ވ.ފެލިދޫގައި ފެނާ ނަރުދަމާ ނިޒާމު ޤާއިމުކުރުމާއި ވ.ތިނަދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމެވެ.

މި މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ 22 މަސްދުވަހާއި 26 މަސްދުވަހާ ދެމެދުގެ މުއްދަތުގައެވެ. މި 5 ރަށުގެ މަސައްކަތަށް 14،098،417.64މިލިއަން ޑޮލަރު ހޭދަވެއެވެ.

އެސްއެމްސީ އިންފްރާސްޓްރަކްޗަރއާ ހަވާލުކޮށްފައިވަނީ މ.ކޮޅުފުށި ފެނުގެ ނިޒާމުގެ މަސައްކަތާއި މ.މަޑުއްވަރީގައި ފެނާ ނަރުދަމާގެ ވިއުގަ ޤާއިމުކުރުމާއި މ.މުލީގައި ފެނުގެ ނިޒާމު ޤާއިމުކުރުމާއި ފ.ބިލެއްދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުމާއި ފ.ދަރަނބޫދޫގައި ފެނާއި ނަރުދަމާގެެ ނިޒާމު ޤާއިމުކުރުމާއި ދ.ބަނޑިދޫގައި ފެނާ ނަރުދަމާ ނިޒާމު ޤާއިމުކުރުމާއި ދ.މީދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތެވެ. މިމަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 20 މަސްދުވަހާ 26 މަސްދުވަހާ ދެމެދުގެ މުއްދަތުގައެވެ. މި 7 ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތަށް 21،259،831.59 މިލިއަން ޑޮލަރު ހޭދަވެއެވެ.

އެސްއެމްސީ ކުންފުންޏާ ދެން ހަވާލުކޮށްފައިވަނީ ތ.ހިރިލަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތާއި ލ.ގަމު ފެނުގެ ނިޒާމުގެ މަސައްކަތާއި ލ.އިސްދޫ އަދި ކަލައިދޫގެ ފެނުގެ ނިޒާމު ޤާއިމުކުރުމާއި ލ.މާމެންދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުމާ ލ.މާބައިދޫގައި ފެނާ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތެވެ. މި މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 20 މަސްދުވަހާއި 26 މަސްދުވަހާ ދެމެދުގެ މުއްދަތުގައެވެ. މި ރަށްރަށުގެ މަސައްކަތަށް ޖުމްލަ 19،376،896.46މިލިއަން ޑޮލަރު ހޭދަވެއެވެ.

ޓްރެވެނި އިންޖިނިއަރިން އެންޑް އިންޑަސްޓްރީސް ލިމިޓެޑާ ހަވާލުކޮށްފައިވަނީ ގއ.ދާންދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތާއި ގއ.ގެމަނަފުށީގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތާއި ގއ.މާމެންދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުމާއި ގދ.މަޑަވެލީގައި ފެނުގެ ނިޒާމު ޤާއިމުކުރުމާއި ގދ.ފަރެސްމާތޮޑާގައި ފެނާ ނަރުދަމާގެ ނިޒާމު ޤާއިމުކުރުމާއި ގދ.ހޯޑެއްދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރުމަށެވެ.

މި މަސައްކަތްތައް 20 މަސްދުވަހާއި 26 މަސްދުވަހާ ދެމެދުގެ މުއްދަތެއްގައި ނިންމަންޖެހެއެވެ. މި 6 ރަށުގެ މަސައްކަތަށް 22،801،199.56 މިލިއަން ޑޮލަރު ހޭދަވެއެވެ. މި މަސައްކަތަކުގައި ސަރވޭކުރުމަށް ކުރެހުންތައްޔާރުކުރުމާއި ރަށުގައި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ކުރިއަށްގެންދިއުމުގެ އިތުރަށް ގޭގެއަށް ވިއުގަ އަޅައިދިނުންވެސް ހިމެނެއެވެ.