ޚަބަރު

ސްރީ ލަންކާގައި މޫނުބުރުގާ އެޅުން މަނާކުރަން އަދި ވަގުތު ނަގާނެ


ސްރީ ލަންކާގައި މޫނުބުރުގާ އެޅުން މަނާކުރަން ހުށަހަޅާފައިވާ ހުށަހެޅުމާމެދު ގޮތެއް ނިންމުމަށް ވަގުތު ނަގާނެކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފިއެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ސްރީ ލަންކާގެ އާންމު ސަލާމަތާބެހޭ ވަޒީރު ސަރަތު ވީރަސެކަރަވަނީ އެ ޤައުމުގައި މޫނުބުރުގާ އެޅުން މަނާކުރުމަށް ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މޫނުބުރުގާ އެޅުމަކީ ސްރީ ލަންކާގެ ޤައުމީ ސަލާތަށް އޮތް ނުރައްކަލެއް ކަމަށެވެ.

ސްރީ ލަންކާގެ ސަރުކާރުގެ ތަރުޖަމާނު ކެހެލިޔާ ރަންބުކުވެލާ ވިދާޅުވީ މޫނުބުރުގާ އެޅުން މަނާކުރުމަކީ ވަރަށް ބޮޑު ނިންމުމެއްކަމަށާއި އެފަދަ ނިންމުމެއް ނިންމުމުގެ ކުރިން ބަލަންޖެހޭ ވަރަށް ގިނަ ކަންތައްތައް ހުންނާނެކަމަށެވެ. އެކަމާ ގުޅޭގޮތުން ގޮތެއް ނިންމުމުގެ ކުރިން މަޝްވަރާތައް ކުރަންޖެހޭކަމަށާއި އެކަމަށް ވަގުތު ބޭނުންވަކަމަށްވެސް އޭނާ ވިދާޅުވިއެވެ. އިތުރު ތަފްޞީލެއް އޭނާ ދެއްވާފައެއް ނުވެއެވެ.

ސްރީ ލަންކާގައި މޫނުބުރުގާ އެޅުން މަނާކުރުމުގެ އިތުރުން އެ ޤައުމުގައި ހިންގާ 1،000އަށްވުރެ ގިނަ އިސްލާމީ ތަޢުލީމުދޭ މަދަރުސާ ބަންދުކުރުމަށް ހުށަހަޅާފައިވާކަމަށްވެސް ވީރަސެކަރަވަނީ ވިދާޅުވެފައެވެ. އެ މަދަރުސާތަކުން ސްރީ ލަންކާގެ ޤައުމީ ތަޢުލީމުގެ ސިޔާސަތުތަކާ ޚިލާފަށް ކިޔަވައިދެމުންދާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

2019ވަނަ އަހަރުގެ ތެރޭގައި ސްރީ ލަންކާގައި ދިން ނުރައްތާތެރި ބޮމުގެ ޙަމަލާތަކަށްފަހު އެ ޤައުމުގައި މޫނުބުރުގާ އެޅުން ވަގުތީގޮތުން މަނާކުރިއެވެ. ސްރީ ލަންކާގައި މޫނުބުރުގާ އެޅުން މަނާކުރުމަށް އަލުން ނިންމާފައިވަނީ ކޯވިޑް-19 ޖެހިގެން އެ ޤައުމުގައި މަރުވާ މުސްލިމުން ވަޅުލުމުގެ ބަދަލުގައި ހަށިގަނޑުތައް އެންދުމަށް މަޖުބޫރުކުރުމަށްފަހުއެވެ. 22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީ ލަންކާގެ 9 އިންސައްތަ މީހުންނަކީ މުސްލިމުންނެވެ.