ކުޅިވަރު

ހޮންކޮންގ މެޗު ރާއްޖޭގައި ކުޅެވޭނެކަމާއި މެދު ޝައްކު


ވަރލްޑްކަޕް ކޮލިފައިންގައި ހޮންކޮންގއާއި ދެކޮޅަށް މާލޭގައި ކުޅެން އޮތް މެޗު، މާލޭގައި ކުޅެވޭނެކަމާއި މެދު ސުވާލުއުފެދިއްޖެއެވެ. އެމެޗު މާލޭގައި ކުޅެވޭނެކަމާއި މެދު ސުވާލު އުފެދުނީ ސަރުކާރުން މިއަދު ރާއްޖޭގައި ކުއްލި ހާލަތު އިއުލާން ކުރުމާއި ގުޅިގެން، އެފްއޭއެމްގެ ހުރިހާ މުބާރާތްތަކެއް މުއްދަތެއް ނެތި ފަސްކުރުމުންނެވެ. އެމެޗު ކުޅެން ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އެފްއޭއެމްއިން މައުލޫމާތުދެއްވި ގޮތުގައި އެކަމުގެ މަޝްވަރާތައް ފީފާއާއި، އޭއެފްސީއާއެކު މިހާރު ދަނީ ކުރަމުންނެވެ. އަދި މާދަމާގެ ވަގުތެއްގައި ގޮތެއް ނިމޭނެކަމަށް އެފްއޭއެމްއިން މައުލޫމާތުދެއްވައެވެ. ސަލާމަތީ ގޮތުން ގޮތެއް ނިންމުމުގެ ބާރު އޮތީ ސަރުކާރުގައިކަމަށާއި، ސަރުކާރާއެކުވެސް ވާހަކަދައްކަމުންދާކަމަށް އެފްއޭއެމްއިން މައުލޫމާތުދެއްވައެވެ.ކުއްލި ހާލަތު އިއުލާންކޮށްފައިވާކަން އެފްއޭއެމްއިން މިހާރު ވަނީ ފީފާއަށްވެސް އަންގާފައެވެ. ކުއްލި ހާލަތު އިއުލާންކޮށްފައިވަނިކޮށް، އެމެޗު މާލޭގައި ކުޅޭނެކަމަކަށް ނުބެލެވެއެވެ. ރަސްމީ ދަނޑުގެ ވިނަ ގަނޑު ހަލާކުވުމުގެ ސަބަބުންވެސް އަމިއްލަ ދަނޑުގައި ކުޅެން އޮތް ކޮލިފައިންގ މެޗެއް އަވޭގައި ދިވެހި ޓީމް ވަނީ ކުޅެފައެވެ.