ވިޔަފާރި

އައްޑޫ ސިޓީއަށް އިތުރު 2 ގޭދޮށު މަސްފެކްޓްރީ


އައްޑޫ ސިޓީގައި އިތުރު 2 ގޭދޮށު މަސްފެކްޓްރީ އެޅުމަށް ހުއްދަ ދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިހެން ވިދާޅުވީ ފިޝަރީޒް މިނިސްޓްރީން މަސްވެރިކަމުގެ މަޝްރޫޢުތަކަށް ކައުންސިލް އިދަރާތަކުން ހުއްދަ ދިނުމާ ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލާއިއެކު ބޭއްވެވި މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައެވެ.

އައްޑޫ ސިޓީ ކައުންސިލާއެކު ފިޝަރީޒް މިނިސްޓްރީން އިއްޔެ ބޭއްވި އޮންލައިން ބައްދަލުކުރެއްވުމުގައި، ފިޝަރީޒް މިނިސްޓްރީން ވަނީ މަސްވެރިކަމުގެ އެކި މަޝްރޫޢުތަކަށް ކައުންސިލް އިދާރާތަކުން ހުއްދަ ދިނުމުގައި ޢަމަލުކުރާނެ އުޞޫލުތަކާއި ގުޅޭ މަޢުލޫމާތު ދެއްވާފައެވެ. އެގޮތުން 10 ޓަނަށްވުރެ ކުޑަ މަޝްރޫއުތަކަށް މިނިސްޓްރީގެ ހުއްދައަކާއި ނުލައި ކައުންސިލްތަކަށް ހުއްދަ ދެވޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސާދިޤް ވިދާޅުވީ، ދުވާލެއްގެ މައްޗަށް ދެ ޓަނަށްވުރެ ގިނައިން މަސް އުފައްދާ ގޭދޮށު މަސް ފެކްޓަރީތަކެއް އައްޑޫ ސިޓީ ހިތަދޫ އާއި، މަރަދޫ އަދި ހުޅުދޫ މީދޫގައި ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މޭޔަރ ވިދާޅުވީ، މިހާތަނަށް އެއް ފެކްޓަރީ އަކަށް ހުއްދަ ލިބިފައިވާއިރު، އިތުރު ދެ ފެކްޓަރީ އަށް ހުއްދަ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. މިގޮތުން އަލަށް އެކުލަވާލެވުނު އުޞޫލުގެ ދަށުން އެ ދެ ފެކްޓަރީއަށް ކައުންސިލުން ހުއްދަ ދޫކުރެވޭނެ ކަމަށް ޤަބޫލުފުޅުކުރައްވާކަމުގައިވެސް މޭޔަރ ވިދާޅުވިއެވެ.

އައްޑޫ ސިޓީއާއި މ. އަތޮޅުގައި ކުރިއަށްގެންދާ ގޭދޮށު މަސް ފެކްޓްރީ މަޝްރޫއު ކުރިއަށްގެންދަނީ ސަރުކާރުން ބަޖެޓްކޮށްގެންނެވެ. ގޭދޮށު މަސް ފެކްޓްރީ މަޝްރޫއުގެ ބޭނުމަކީ ރާއްޖޭގައި ބާނާ މަހުގެ ތެރެއިން ކުންފުނިތަކަށް ނުގަނެވޭ މަސްތައް އުކާނުލާ ޕްރޮސެސްކޮށްގެން ރައްޔިތުންނަށް ނަފާ ހޯދައިދިނުމެވެ. މި މަޝްރޫއުގެ ދަށުން މަސް ފިނިކޮށް އިތުރު އުފެއްދުންތައް މަހުން ތައްޔާރުކުރުމުގެ ފުރުސަތު ފަހިކޮށްދޭނެއެވެ.