 
										
			ޕަބްލިކް ހެލްތު ކުރިއެރުވުމަށް ހުރިހާ ރަށެއްގައި ޤާއިމްކުރާ ނިޒާމް ހިންގުމަށް ޚާއްސަ މުއައްސަސާއެއް އުފެއްދުމަށް ނިންމާފައިވާކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަޞީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ދިވެހި ރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. 
"އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަޞީމް ވިދާޅުވީ ސިއްޙީ ދާއިރާ ލާމަރުކަޒީ ނިޒާމުން ހިންގުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށެވެ. އެގޮތުން ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިކުރުވުމާއި ލިބޭ ކާނާއަކީ ރައްކާތެރި ކާނާއަށް ހެދުމަށް މިއަހަރުގެ ތެރޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ލެބޯރެޓަރީއެއް ޤާއިމް ކުރާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ މި މަސައްކަތް ކުރުމަށްޓަކައި ބޭރުގެ އެހީ ލިބިފައިވާކަމަށާއި އަދި އިމާރާތް އަޅަން  ހުޅުމާލެއިން ބިން ލިބިފައިވާކަމަށެވެ. މި ލެބޯރެޓަރީ މެދުވެރިކޮށް ރާއްޖެއިން ބޭރުން ގެންނަ ތަކެތި ޓެސްޓްކުރަންޖެހޭ ހަލާތްތަކުގައި އެކަން ކުރެވޭނެ އިންތިޒާމްވެސް ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. 
މިނިސްޓަރ ނަޞީމް ވިދާޅުވީ ޕަބްލިކް ހެލްތު ކުރިއެރުވުމަށް ހުރިހާ ރަށެއްގައި ޤާއިމްކުރާ ނިޒާމް ހިންގުމަށް ވަކި މުއައްސަސާއެއް އުފެއްދުމަށް ނިންމާފައިވާކަމަށާއި އެމުއައްސަސާ ޖުލައި މަހު ލޯންޗް ކުރައްވާނެކަމަށެވެ. މި ނިޒާމް ހިންގުމަށް އުފައްދާ މުއައްސަސާއަކީ ހެލްތު މިނިސްޓްރީގެ އުޞޫލުތަކާ އެއްގޮތަށް ހިންގާނެތަނެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 
"މޯލްޑިވްސް ހެލްތު ސަރވިސަސްގެ ނަމުގައި އުފައްދާ މި މުއައްސަސާގެ ދަށުން ހުރިހާ ތަންތަން ހިނގާނެ. މި ޚިދުމަތް ދިނުމުން އެއްވެސްމީހަކު ބާކީ ނުވާނެ. އުފަންވީއްސުރެ ކުދިން  ބެލެހެއްޓޭނެ." ހެލްތު މިނިސްޓަރ އަޙްމަދު ނަޞީމް ވިދާޅުވިއެވެ. 
		
 
										
			ޕަބްލިކް ހެލްތު ކުރިއެރުމަށް ވަކި މުއައްސަސާއެއްގެ އިތުރުން  ރާއްޖެއަށް އެތެރެކުރާ ބޭހާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގެ ވަސީލަތްތަކާއިއެކު ނެޝަނަލް ހެލްތު ލެބޯރެޓަރީއެއް ޤާއިމް ކުރުމަށް ނިންމަވާފައިވާކަމަށް 2019 ވަނަ އަހަރު ހެލްތު މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ނޭޝަނަލް ހެލްތު ލެބޯރެޓަރީއެއް ޤާއިމުކުރުމުގެ މަޝްރޫޢަށް ނުވަ މިލިއަން ތިންސަތޭކަ ފަންސާސް ނުވަހާސް ހަތަރު ސަތޭކަ ހަތްދިހަ ފަސް ޑޮލަރު ޚަރަދުވާނެކަމަށް އޭރުވަނީ  ލަފާކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން، މިހާރު ހެލްތު މިނިސްޓްރީގައި ޤާއިމުކޮށްފައިވާ ހެލްތު ލެބޯރެޓަރީ ވަކި އިމާރާތަކަށް ބަދަލުކޮށް އައު ނެޝަނަލް ހެލްތު ލެބޯރެޓަރީ ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި ލެބޯރެޓަރީގައި ރާއްޖެއަށް އެތެރެކުރާ ބޭހާއި، އިމްޕޯޓްކޮށް އެކްސްޕޯޓްކުރާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުުކުރުމަށް ޓެކްނޮލޮޖީގެ އެންމެ ފަހުގެ ވަޞީލަތްތަށް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ ސިއްޙީ ނިޒާމަކީ ހެކީގެ މައްޗަށް ބިނާކޮށް ކަންކަން ނިންމާ ނިޒާމަކަށް ހެދުމަށްޓަކައި ޕްރައިމަރީ ހެލްތުކެއަރ ވަރުގަދަކުރުމުގެ ޚާއްސަ ޕްރޮގްރާމެއްވެސް މިހާރު ވަނީ ފަށާފައެވެ. 
ޕްރޮގްރާމްގެ ތެރެއިން ކޮންމެ ރަށެއްގެ ހެލްތު ސްނެޕްޝޮޓެއް ނެގުމަށްޓަކައި، އަދި ކޮންމެ ރައްޔިތެއްގެ މެޑިކަލް ހިސްޓްރީ ނެގުމަށްޓަކައި ސޮފްޓްވެއަރއެއް ވަނީ ތައްޔާރު ކޮށްފައެވެ. މިސޮފްޓްވެއަރ މެދުވެރިކޮށް ރަށުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ކޮންމެ ރައްޔިތަކަށް ޚާއްޞަ ޕޭޝަންޓް ރިކޯޑެއް (މެޑިކަލް ހިސްޓްރީއެއް) ޤާއިމު ކުރެވޭނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. މިމެޑިކަލް ހިސްޓްރީގައި، ރައްޔިތުންގެ އިމިއުނައިޒޭޝަން ރިކޯޑުން ފެށިގެން، މިއަދާ ހަމައަށް ކުރެވުނު އޮޕަރޭޝަންތަކާއި، މިހާރު ހުރި ޞިއްޙީ މައްސަލަތަކާއި، އިޖްތިމާޢީ މައްސަލަތަކާއި، ނަފްސާނީ މައްސަލަތަކާއި، މައިންބަފައިންގެ ޞިއްޙީ މައްސަލަތަކަށް ދަންދެން ރިކޯޑް ކުރެވޭނެއެވެ.