ޚަބަރު

ކޯވިޑް-19 ދިފާޢު: މިއަދު ވެކްސިންޖެހީ 1،775 މީހުން


ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން އިތުރު 1،775މީހުން ޖަހައިފިއެވެ. ވޭތުވެދިޔަ 24ގަޑިއިރު ވެކްސިން ޖެހީ އަތޮޅުތަކުގެ ސެންޓަރުތަކުގައި އެކަންޏެވެ.

ކޯވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒް، މާލެ ސެންޓަރުތަކުގައި ދިނުން ވަގުތީގޮތުންވަނީ މެދުކަނޑާލާފައެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެންމެ ފަހުން އާއްމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިއިތު ވޭތުވެދިޔަ 24ގަޑިއިރު ވެކްސިން ދިނުން ކުރިއަށްގެންދިޔަ އަތޮޅުތަކުގައި ހުރި ވެކްސިން ސެންޓަރުތަކުގައި އެކަންޏެވެ.

ވޭތުވެދިޔަ 24ގަޑިއިރު އަތޮޅުތަކުން ޖުމްލަ 1،775 މީހުންވަނީ ވެކްސިން ޖަހާފައެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 214،486އަށް އަރާފައެވެ. އަލަށް ވެކްސިންޖެހި 1،775 މީހުންނާއެކު އަތޮޅުތަކުން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދަކީ 92،856އެވެ.

އާއްމު އުސޫލުން ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން މާލެ ސަރަޙައްދުގައި މިހާރުވަނީ މުޅިން ހުއްޓާލާފައެވެ. ނަމަވެސް ޚާއްސަ ޚާލަތްތަކާ ގުޅިގެން އަދިވެސް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ކުރިއަށްދާނެއެވެ. މިވަގަށް ހުއްޓާލާފައިވީނަމަވެސް، މި ފަރާތްތަކުން އަންނަ ހޮނިހިރު ދުވަހުން ފެށިގެން ވެކްސިން ދިނުން ކުރިއަށްދާނެއެވެ. މިހާތަނަށް އައިއިރު މާލެ ސަރަޙައްދުގައި ވެކްސިންޖެހި މީހުންގެ ޖުމްލަ އަދަދަކީ 121،630އެވެ.

އަތޮޅުތަކުގެ 169ސެންޓަރުން ވެކްސިން ދިނުމުގެ ޚިދުމަތްދަނީ ދެމުންނެވެ. އަދި މާލޭގެ 8 ސެންޓަރަކުންނާ، 2 މޯބައިލް ވެކްސިން ޓީމްވެސް ދަނީ ވެކްސިން ދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ.

18 އަހަރުން މަތީގެ މީހުންނަށް، މުޅި މުޖުތަމަޢުއަށް ހުޅުވާލައިގެން ވެކްސިން ދިނުން މާލޭގައި ކުރިއަށްގެންދިޔަ މިމަހުގެ 15 ދުވަހުގެ ނިޔަލަށެވެ. ސަރުކާރުން މިހާރުދަނީ ވެކްސިންގެ ދެވަނަ ޑޯޒް ރާއްޖޭގައި ފެށުމަށް ތައްޔާރުވަމުންނެވެ.

މިހާތަނަށް ރާއްޖޭގައި ދެމުންއައިސްފައިވަނީ އޮކްސްފޯޑާ އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންއެވެ. މޯލްޑީވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިހާރުވަނީ އިތުރު ދެ ބްރޭންޑެއްގެ ވެކްސިން ދިނުމުގެ ހުއްދަ އެޗްޕީއޭއަށް ދީފައެވެ. އެއީ ފައިޒާ ވެކްސިންއާ ސިނޮފަރމް ވެކްސިންއެވެ. މިހާތަނަށް އައިއިރު ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ %47 މީހުންވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.