ޚަބަރު

އިނގިރޭސިވިލާތާއެކު ޓްރޭޑް ރިލޭޝަން ވަރުގަދަކުރަނީ


އިނގިރޭސި ވިލާތާ ރާއްޖެއާ ދެމެދު ޓްރޭޑް ރިލޭޝަން އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރަަމުންދާ ކަމަށް ރާއްޖެއިން އިނގިރޭސި ވިލާތަށް ކަނޑައަޅާވާފައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރު އަދި އީޔޫއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަޙްމަދު ޝިއާން ވިދާޅުވެއްޖެއެވެ. ޕީއެސްއެމަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ޝިއާން ވިދާޅުވީ އިނގިރޭސި ވިލާތާ ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ ތެރެއިން ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމުގެ މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށެވެ. އޭގެ ތެރޭގައި އިނގިރޭސި ވިލާތުގައި ޓެކްސްގެ ދާއިރާއިން މީހުން ތަމްރީން ކުރުމާއި އަދި ރާއްޖޭގެ ޓެކްސް އިދާރާ މީރާއާއެކު ޓެކްސްގެ ކަންތައްތަކުގައި ގުޅިގެން މަސައްކަތް ކުރުމުގެ މަޝްވަރާތައް ހިމެނޭ ކަމަށްވެސް ޝިއާން ވިދާޅުވިއެވެ. މީގެއިތުުރުން އިނގިރޭސިވިލާތުގެ ޔުނިވަރސިޓީތަކުން ޖާގަ ހޯދަން ބޭނުންވާ ދިވެހި ދަރިވަރުންނަށް ފަސޭހައިން ޖާގަ ލިބޭނެ މަގު ފަހުކުރުމަށް މިހާރުވެސް މަސައްކަތްކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.  ރާއްޖެއާ އިނގިރޭސި ވިލާތާ ދެމެދު އޮންނަ ގާތްގުޅުމުގެ މައްޗަށް ބައްލަވާލައްވާ ވާހަކަފުޅު ދައްކަވަމުން ސަފީރު ވިދާޅުވީ ދެޤައުމުގެ ދެމެދުގައި އޮތީ ވަރަށް ގާތް ގުޅުމެއްކަމަށާއި އެންމެ ބޮޑު ގުޅުމެއް އޮތީ ފަތުރުވެރިކަމުގެ ދާއިރާއިން ކަމަށެވެ. ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ހިނގަމުންދާ ކަންތައްތަކާ ގުޅުވައިގެން ބައެއް ފަރާތްތަކުން ދެޤައުމުގެ ގުޅުން ހީނަރުވެފައިވާ ކަމަށް ދެކުނު ނަމަވެސް ދެ ސަރުކާރުގެ ދެމެދުގައި އޮތީ ވަރަށް ހަރުދަނާ ގާތް ގުޅުމެއްކަމަށް ސަފީރު ވިދާޅުވި. ދިވެހި ޚާރިޖިއްޔާއާއި އިނގިރޭސި ސަރުކާރުން ތަފާތު އެކިއެކި ކަންކަމުގައި އަބަދުވެސް މަޝްވަރާކޮށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ކަމަށާއި ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދެޤައުމު ގުޅިގެން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އަބަދުވެސް ޚިޔާލު ހޯދާ މަޝްވަރާ ކުރެވޭ ކަމަށް ޝިއާން ވިދާޅުވިއެވެ."ރާއްޖޭގެ ޚާރިޖީ ވަޒީރުދުންޔާ މައުމޫނާ އިނގިރޭސި ޚާރިޖީ ވަޒީރު ޑޭވިޑް ކެމެރަން މަހެއްގެ މައްޗަށް އެއްފަހަރު ނަމަވެސް ދެފަހަރު ނަމަވެސް ފޯނުން ގުޅުއްވާ އެކިއެކި ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާ. އަދި ކުރިއަށް އެބައޮތް ދައުވަތު ލިބިފައި ރިމެމްބަރެންސްޑޭގެ ފަންކްޝަންގައި ބައިވެރިވާން. މިއީ ސީދާ އިނގިރޭސި ރާނީ ބާއްވާ ބައްދަލުވުމެއް. ބޮޑުވަޒީރު ކެެމެރަންއާވެސް ބައްދަލުކުރުމުގެ ފުރުސަތު ލިބޭނެ. މިހުންނަނީ ދެޤައުމުގެ ގުޅުން އިތުރަށް ރަމްޒުކޮށްދޭ ކަންކަން." ޝިއާން ވިދާޅުވިއެވެ.ޝިއާން ވިދާޅުވީ އަހަރެއްގެ މައްޗަށް 120އާ 125 އާ ދެެމެދުގެ ޢަދަދަކަށް ދިވެހި ދަރިވަރުން އަލަށް އިނގިރޭސި ވިލާތުގައި ތަޢްލީމް ޙާސިލް ކުރަން ދާކަމަށެވެ. އަދި 150 އާ 200 އާ ދެމެދުގެ ޢަދަދަކަށް ދިވެހިން އަހަރެއްގެ މައްޗަށް  ޕްރޮފެޝަނަލް ދާއިރާތަކުން އިނގިރޭސި ވިލާތުގައި ތަމްރީން ވަމުންދާ ކަމަށްވެސް ޝިއާން ވިދާޅުވިއެވެ. އިނގިރޭސިވިލާތުން 6 މަސްދުވަހުގެ އޮންއެރައިވަލް ވިސާ ލިބޭ މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމީ ދެޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން ރަމްޒުކޮށްދޭ ހެއްކެތް ކަމަށް ވިދާޅުވިއެވެ. އިނިގިރޭސިވިލާތުގައި ދިރިއުޅެމުންދާ ދިވެހި ޢާއިލާތަކާ ދިވެހި ކިޔަވާ ކުދިންނާއެކު ގާތްގަނޑަކަށް 300އެއްހާ ދިވެހިން އިނގިރޭސިވިލާތުގައި އެބަތިބި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.