ވިޔަފާރި

ގިނަ ބަޔަކު އެއް އެކައުންޓެއް ބޭނުންކުރުން މަދުކުރުމަށް ނެޓްފްލިކްސްއިން މަސައްކަތްތަކެއް


ޕާސްވޯޑް ޝެއަރކޮށްގެން ގިނަ ބަޔަކު އެއް އެކައުުންޓު ބޭނުންކުރުން މަދުކުރުމަށް ނެޓްފްލިކްސްއިން މަސައްކަތްތަކެއް ފަށައިފިއެވެ.

ނެޓްފްލިިކްސްއަކީ ފައިސާ ދައްކައިގެން އޮންލައިންކޮށް ސީރީސް އަދި ފިލްމްތައް ބަލާލެވޭ އޮންލައިން ޕްލެޓްފޯމެކެވެ. ނެޓްފްލިކްސްގައި އެކި ޕެކޭޖްތައް ހިމެނޭއިރު، އެންމެ ދަށް ޕެކޭޖަކީވެސް އެއްފަހަރާއި ބޭނުން ނުކުރާނަމަ، އެތައް ބަޔަކަށް އެ އެކައުންޓް ބޭނުންކުރެވޭ އެކައުންޓްތަކެވެ. މީގެ ސަބަބުން ނެޓްފްލިކްސް ޕާސްވޯޑް އާއިިލާ އަދި ރައްޓެހިންނާއި ހިއްސާކުރުމަކީ ވަރަށް އާއްމު ކަމެކެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުން އެމެރިކާގައި ނެޓްފްލިކްސް ބޭނުންކުރާ 74 މިލިއަން މީހުންގެ ތެރެއިން 20 އިންސައްތައާއި 30 އިންސައްތައާއި ދެމެދުގެ އަދަދެއްގެ މީހުންނަކީ އެކައުންޓު ޝެއަރކޮށްގެން ބޭނުންކުރާ މީހުންނެވެ. މިއާއެކު ނެޓްފްލިކްސް ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން މިގޮތަށް ބޭނުންކުރާ ގިނަ ފަރާތްތައް އަމިއްލަ އެކައުންޓެއް ހުޅުވުމަށް ބާރު އެޅުމަށް ނެޓްފްލިކްސްއިން ވަނީ އާ ފީޗަރއެއް ޓެސްޓުކުރަން ފަށަން ނިންމާފައެވެ. އެގޮތުން ނެޓްފްލިކްސް އެކައުންޓަށް ވަނުމުން، އެކައުންޓް ވެރިފައި ކުރުމަށް ސްކްރީނަށް އަރާނެއެވެ. އެކައުންޓް ވެރިފައިި ކުރެވޭނީ އީމެއިލް ނޫނީ ޓެކްސްޓް މެސެޖަކުންނެވެ. މިއާއެކު ދުރުގައި ދިރިއުޅޭ އެކަމުގެ ނެޓް ފްލިކްސްގެ އެކައުންޓް ޝެއަރކުރާ ފަރާތްތައް ދެނެގަނެވޭނެކަމަށް ނެޓް ފްލިކްސްއިން ހާމަކުރެއެވެ.

ނަމަވެސް މިފަދަ ބަދަލާއެކު ނެޓްފްލިކްސް ބޭނުންކުރާ މީހުންގެ އަދަދު ދަށްވެ، އެކުންފުންޏަށް މީގެ ނޭދެވޭ އަސަރުކޮށްފާނެކަމުގެ ބިރުވެސް ބޮޑެވެ. ސަބަބަކީ ނެޓްފްލިކްސް އާއި ވާދަކުރާ އެހެން އެޕްތައްވެސް ހުރުމެވެ. އަދި އެފަރާތްތަކުގެ އެޕް ބޭނުންކުރާ ފަރާތްތަކުގެ އަދަދުތައްވެސް އިންތިހާއަށް އިތުރުވެގެންދާ މިފަދަ ދަނޑިވަޅެއްގައި މިފަދަ ބަދަލުތަކެއް ނެޓްފްލިކްސްއިން ގެނައުމަށް މަސައްކަތްކުރުމަކީވެސް ނެޓްފްލިކްސް ބޭނުންކުރާ މީހުންގެ އަދަދު ދަށަށް ގޮސްދާނެ ކަމެއްކަމަށް މަރކެޓް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.