ޚަބަރު

ކޯވިޑް-19 ދިފާޢު: މިއަދު ވެކްސިން ޖެހީ 6،597 މީހުން


ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން މިއަދު ހަ ހާހަށްވުރެ ގިނަ މީހުން ޖަހައިފިއެވެ. ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ވެކްސިން ޕްރޮގްރާމް ރާއްޖޭގައި ފަށާފައިވާއިރު ވޭތުވެ ދިޔަ ހަފްތާގައި ގިނަ ޢަދަދެއްގެ މީހުންވަނީ ވެކްސިން ޖަހާފައެވެ. އަދި މިއަދު ވެކްސިން ޖެހި މީހުންގެ ޢަދަދު ވަނީ 6،597އަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެއާއި އަތޮޅުތައް ހިމެނޭހެން 6،597 މީހުންވަނީ ވެކްސިންޖަހާފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންޖެހި 4،994 މީހުންނާއި އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ ވެކްސިން ސެންޓަރުތަކުގައި ވެކްސިންޖެހި 1،603 މީހުންނެވެ.

މިއާއެކު ރާއްޖެއިން މިހާތަނަށް 212،711 މީހުން މިވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައެވެ. އެއީ މާލެ ސަރަޙައްދުން ވެކްސިން ޖެހި 121،630 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 91،081 މީހުންނެވެ.

ވެކްސިން ޖެހުމުގެ ޚިދުމަތް މިހާރު ދެމުން އަންނަނީ މާލެ ސަރަހައްދުގެ 8 ސެންޓަރަކާއި އަތޮޅުތަކުން 169 ސެންޓަރެއްގައެވެ. އަދި މާލޭ ސަރަޙައްދުގައި ވެކްސިން ދިނުމަށްޓަކައި 2 މޯބައިލް ޓީމްވެސް ހަރަކާތްތެރިވަމުން އާދެއެވެ.

ރާއްޖޭގައި މިހާރުވަނީ ޢުމުރުން 18 އަހަރުން މަތީގެ ހުރިހާ އުމުރުފުރާތަކަށް ވެކްސިން ޖެހުމުގެ ފުރުޞަތު ހުޅުވާލާފައެވެ. މިއާއިއެކު ކޮވިޝީލްޑް ވެކްސިން ދިނުމުގެ ހުއްދަ އޮންނަ ހުރިހާ އުމުރުފުރާތަކަށް މިހާރު މިވަނީ ރާއްޖޭގައި ވެކްސިން ދޭން ފަށާފައެވެ. ރާއްޖޭގައި މިވަގުތު ދެމުންދަނީ ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒްއެވެ.

މިމަހުގެ 15ވަނަ ދުވަހާ ހަމައަށް ކޯވިޑް-19ގެ ފުރަތަމަ ޑޯޒް ޖެހުން މިހާރު މަޑު ޖައްސާލާފައިވާއިރު ދެވަނަ ޑޯޒް ޖަހަން ފެށުމުގެ މަސައްކަތް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެހެންނަމަވެސް މަޤުބޫލު އުޒުރަކާއި ލައިގެން ވެކްސިންގެ ފުރަތަމަ ޑޯޒް ނުނެގި ތިބި ފަރާތްތަކަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވެކްސިންދޭނެކަމަށް އެޗްއީއޯސީއިން ވިދާޅުވެއެވެ.

އަދި މިހާރު މިވަނީ އިތުރު ދެ ވެކްސިންއެއް ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދެއްވާފައެވެ. ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދީފައިވާ އިތުރު ދެ ވެކްސިނަކީ ފައިޒާ ވެކްސިނާއި ސިނޮފަރމް ވެކްސިނެވެ.