ޚަބަރު

ކަލާފާނު ސުކޫލުގައި ލިފްޓެއް ހަރުކުރަން ބަޔަކާ ހަވާލުކޮށްފި


ކަލާފާނު ސުކޫލުގައި ލިފްޓެއް ހަރުކުރުމުގެ މަސައްކަތް ކުރުމަށް ނަޒްރާޝް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު ރިޔާޒެވެ. ނަޒްރާޝް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އާދަމް ރަޙީމެވެ.

ކަލާފާނު ސްކޫލްގައި ބަހައްޓާ މި ލިފްޓަކީ އެ ސްކޫލުގައި ޚާއްސަ އެހީއަށްބޭނުންވާ ގިނަ ދަރިވަރުންގެ ތެރެއިން ފުރޮޅުލީ ގޮނޑީގައި އަދި އެހެންމީހެއްގެ އެހީތެރިކަމާއެކު އެއްތަނުން އަނެއްތަނަށް ގޮސް އުޅޭ ދަރިވަރުންނަށް ފަސޭހަކަމާއެކު ހުރިހާ ވަސީލަތްތަކެއް ބޭނުންކުރުމަށް މަގުފަހި ކުރުވުމަށްޓަކައި ހަރުކުރާ ލިފްޓެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މިމަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ 1،165،685.01 ރުފިޔާއަށް 90 ދުވަހުގެ ތެރޭ ނިންމާގޮތަށެވެ.

ކަލާފާނު ސްކޫލްގައި ގްރޭޑް އެކަކުން ދިހަޔަކާ ހަމައަށް ކިޔަވައިދެމުންދެއެވެ. އެސްކޫލްގައި ކިޔަވައިދޭން ފަށާފައިވަނީ 25 ޖުލައި 1989 ގައި ހަމައެކަނި ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައެވެ. އެސްކޫލްގައި މިހާރު 1500 އަށްވުރެ ގިނަ ދަރިވަރުން ދަނީ ތަޢުލީމް ހާސިލްކުރަމުންނެވެ.